22 Jan 2015, 11:31
އާ އުންމީދު ތަކަކާއި އެކު މުޅިން އަލަށް ފަށާ ޕީޕަލްސް ކަޕްގައި ކޮންމެ ޓީމެއްވެސް މިސްރާބު ހިފާފައި ވަނީ އެ މުބާރާތުގެ ތަށްޓާ ދިމާއަށެވެ. މިއަދު އެ މުބާރާތް ފަށަން ހަމަޖެހިފައި ވާއިރު، މިއަދު ހަވީރު މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާ މާޒިޔާ އާއި ސިންގަޕޯރ ލަޔަންސްގެ އަމާޒަކީވެސް ހަމަ މުބާރާތުގެ ތަށްޓެވެ.
ބިދޭސީ ހަތަރު ކުޅުންތެރިންނާއެކު ސީޒަން ފަށަން ގަސްދުކުރާ މާޒިޔާއިން ބުނެފައި ވަނީ މިއަދުގެ މެޗުން އެ ޓީމްގެ ތިން ބިދޭސީ ކުޅުންތެރިން ފެނިގެން ދާނެ ކަމަށެވެ. އަދި ކުޑަ ވަގުތުކޮޅެއްގައި ޓީމަށް ލިބުނު ތަމްރީނު ތަކާއި އެކުވެސް، މިއަދުގެ މެޗަށް ޓީމް އޮތީ ވަރަށް ފުރިހަމައަސް ތައްޔާރު ވެފައި ކަމަށް އެ ޓީމްގެ ކޯޗް ސުޒޭން ބުންޏެވެ.
މާޒިޔާ ވަރުގަދަ ވާނެ ކަމާމެދު ޝައްކެއްވެސް ނެތެވެ. އެ ޓީމްގެ ގޯލް މިފަހަރު ބަލަހައްޓާނީ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ކީޕަރު ކަމަށްވާ ގައުމީ ޓީމްގެ އެއް ނަންބަރު ކީޕަރު އިމްރާން މުހައްމަދެވެ. އޭގެ އިތުރުން އެ ސްކޮޑަށް ވަނީ ބްރެޒިލްގެ މިޑްފީލްޑަރު ސިލާސް ޖޫނިއާ އާއި ޖަޕާންގެ މިޑްފީލްޑަރު ޓޮޝިއޯ ހޮސާގެ އިތުރުން މިދިޔަ އަހަރުވެސް އެ ޓީމަށް ކުޅުން ބަލްގޭރިއާގެ ޑިފެންޑަރު ޒިވްކޯވް ޑިވޭންވެސް ގުޅިފައެވެ.

މާޒިޔާއަށް މުބާރާތަށް އޮތް އުނި ކަމަކީ ރާއްޖޭގެ އެންމެ ތަޖުރިބާ ކާރު އެއް މިޑްފީލްޑަރު ކަމަށްވާ މުހައްމަދު އާރިފް (ބަކާ) އެ ޓީމަށް ގެއްލުމެވެ. ނަމަވެސް އެއީ އެހާ ބޮޑު ކަމެއް ނޫން ކަމަށާއި، އޭނާގެ ބަދަލުގައި ޓީމުގައި ހަމަ އެ ފެންވަރުގެ ކުޅުންތެރިން ތިބި ކަމަށް މާޒިޔާއިން ވަނީ ބުނެފައެވެ.
މާޒިޔާއަށް އެއްވެސް ހާސްކަމެއް ނެތެވެ. އެ ޓީމްގެ ކޯޗް ސުޒޭން ވަނީ މި މުބާރާތަކީ އޭއެފްސީ ކަޕަށް ޓީމް ތައްޔާރު ވުމަށާއި، އެ ޓީމްގެ ބިދޭސީ ކުޅުންތެރިން ޓެސްޓު ކޮށްލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ބުނެފައެވެ.
"އެކަމަކު މުބާރާތް ނަގަނީ ޓެސްޓެއްގެ ގޮތުގައެއް ނޫން. މިއީ މާޒިޔާ އިން ވަރަށް ސީރިއަސްކޮށް ނަގާ މުބާރާތެއް،" މާޒިޔާގެ ކޯޗް ސުޒޭން ބުންޏެވެ.
ހަމަ އެ މޭރުމުން، ސިނަގަޕޯރ ލަޔަނަސްގެ ބޭނުމަކީވެސް "ސިންގަޕޫރަށް ތަށި ގެންދިޔުން" ކަމަށް އެ ޓީމްގެ މެނޭޖަރު ވިސާކަން ވަނީ ވިދާޅުވެފައެވެ. އަދި އެ ޓީމްގެ ފުރަތަމަ ތަމްރީނުތައް ބުދަ ދުވަހު ހަވީރު ބާއްވާފައިވާއިރު، އެ ޓީމްގެ ހެޑް ކޯޗް އަދި ޓީމާ ގުޅިފައި ނުވާކަމަށް އެ ޓީމުން މައުލޫމާތު ދެއެވެ.
ލަޔަންސްގެ މެނޭޖަރު ވިސާކަން 'ސަން' އަށް ވިދާޅުވީ، އެ ޓީމްގައި ކޮންމެވެސް ވަރެއްގެ އަނިޔާގެ މައްސަލަތަކެއް އުޅޭ ކަމަށެވެ. ނަމަވެސް އެއީ މާ ބޮޑު މައްސަލަތަކެއް ނޫން ކަމަށާއި، މިއަދުގެ މެޗަށް އެ ޓީމްގެ އެންމެ ވަރުގަދަ ސްކޮޑު ނެރޭވެނެ ކަމަށް އޭނާ އިއްޔެ ވިދާޅުވި އެވެ.
"އިންޖަރީތައް ދިމާވެފައިވާ ބައެއް ކުޅުންތެރިންގެ ތެރޭގައި ޓީމްގެ ޒުވާން ޑިފެންޑަރު ޒާކިރު ހިމެނޭ. އަދި އަހަރުމެންގެ ޓޮޕް ސްޓްރައިކަރު ޚައިރުލް އަމްރީ އިންޖަރީ ތަކަކާ ކުރިމަތިލުމަށް ފަހު މިހާރު ގާތްގަނޑަކަށް މެޗު ފިޓްނެސް ރަނގަޅު. އަދި މިއަދުގެ މެޗަށް އަހަރުމެންގެ އެންމެ ރަނގަޅު ސްކޮޑު ނެރެވޭނެ،" އެނާ ވިދާޅުވި އެވެ.

ލަޔަންސްގެ ހެޑް ކޯޗް އެ ޓީމާ އަދި ގުޅިފައި ނުވުމުން، އިއްޔެގެ ތަމްރީނުތައް އެ ޓީމުން ކުރިއަށް ގެންގޮސްފައި ވަނީ އެ ޓީމްގެ ސާބިއާގެ ފިޓްނެސް ކޯޗް އެލެކްސެންޑަރ ބޮޒެންކޯގެ އިރުޝާދުގެ ދަށުން ނެވެ.
ލަޔަންސްގެ މެނޭޖަރު ވިދާޅުވީ، މާޒިޔާއަކީ ވަރަށް ވަރުގަދަ ކްލަބެއް ކަމަށާއި، އެ ޓީމަށް އޭނާ ވަރަށް ގަދަރު ކުރާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރު ތަކުގައި ރެގިއުލާކޮށް މާޒިޔާ އޭއެފްސީ ކަޕްގައި ބައިވެރި ވެފައި ވާކަން އެއީ އެ ޓީމް ސީރިސްކޮސް ނަގަން ޖެހޭ ކަމުގެ ހެއްކެއް ކަމަށް ވިސާކަން ވިދާޅުވި އެވެ.
ލަޔަންސް މެޗަށް ނިކުންނަނީ އެ ޓީމްގެ އެންމެ ހުނަރުވެރި ފޯވާޑް ޚައިރުލް އަމްރީގެ ތަޖުރިބާއާ އެކު އެވެ. ވޭތުވެދިޔަ 10 އަހަރު ސިންގަޕޫރުގެ ގައުމީ ޓީމަށް ގާގަނޑަކަށް 85 މެޗު ކުޅެދީފައިވާ އަމްރީ އަކީ އޭނާ ކުޅުނު ހުރިހާ މެޗެއްގައި ހެންވެސް ސްކޯ ކޮށްފައިވާ ކުޅުންތެރިއެކެވެ.
މި ކުރިމަތި ލުމަކީ ވަރުގަދަ ކުރިމަތި ލުމަކަށް ވާނެއެވެ. މާޒިޔާއާ ކުރިމަތި ލަނީ ޒުވާން ސިންގާ ތަކެކެވެ. ނަމަވެސް ސިންގަޕޫރުގެ އެންމެ މަތީ ފަންތީގެ ލީގުގައި ފައިތިލަ ހިއްޕާލާފައިވާ ބައެކެވެ. ހަމަ އެއާއެކު މާޒިޔާވެސް ވަކި ދެރައެއް ނުވާނެވެ. އެ ޓީމްގެ އަޒުމާއި އުންމީދުތައް ވަރުގަދައެވެ. ސްކޮޑުވެސް ފާހަގަ ކޮށްލެވޭ ވަރަށް ފެންވަރު ރަނގަޅެވެ. ތަޖްރިބާ ހުރި ކޯޗެއްވެސް އެބަހުއްޓެވެ. އަދި ހަމަ އެއާއެކު އަމިއްލަ ފަސްގަނޑުގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި މާޒިޔާއަށް ސިންގަޕޯރ ލަޔަންސް ބަލިކުރުމަކީ އުނދަގޫ ކަމަކަށް ނުވެދާނެ އެވެ.