22 Jan 2015, 10:05
ރިޔާޟް (ޖަނަވަރީ 22): ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށް ކާޓޫން ކުރަހައި އެކަލޭގެފާނަށް ފުރައްސާރަ ކުރުމަކީ ދުނިޔޭގެ ބިލިޔަނަކަށްވުރެ ގިނަ މުސްލިމުންނަށް ޖެއްސުން ކުރުން ކަމަށް ސައޫދީ އަރަބިޔާއިން ސިފަކޮށްފި އެވެ.
ސައޫދީ ޚާރިޖީ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއްވެސް ގައުމެއްގެ އެއްވެސް ފަރާތަކުން ކީރިތި ރަސޫލާ (ޞޢވ) އަށް ފުރައްސާކޮށް ކާޓޫނު ކުރެހުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށާއި އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް ނޫންކަމުގައެވެ. އަދި އެއީ ދުނިޔޭގެ ބިލިޔަނަކަށްވުރެ ގިނަ މުސްލިމުންނަށް ޖެއްސުން ކުރުން ކަމަށާއި މުސްލިމުންނަށާއި އިސްލާމް ދީނަށް އިހާނާތް ކުރުންނޫންގޮތަކަށް މިކަން ނުބެލެވޭނެ ކަމަށްވެސް މިބަޔާން ބުނެއެވެ.
މިބަޔާނުގައި ފަރަންސޭސިވިލާތުގެ ޝާލީ އެބްޑޫ ނޫހަށް ދިން ޙަމަލާތައް ކުށްވެރިކުރާ ކަމަށް ބުނެފައިވީނަމަވެސް އެނޫހުން ކީރިތި ރަސޫލާ (ޞޢވ) އަށް ފުރައްސާކޮށް ކާޓޫން ކުރަމުން ގެންދާދިއުމަކީ އެފަދަ ހަރުކަށި އަމަލުތަކަށް މަގުފަހިވާފަދަ ހަރުކަށި އަމަލެއްކަމަށް ބުނެފައިވެއެވެ.
ފަރަންސޭސި ލީޑަރުންނާއި ހުޅަނގުގެ އެހެން ގައުމުތަކުގެ ލީޑަރުންވަނީ ކީރިތި ރަސޫލާ (ޞޢވ) އަށް ފުރައްސާކޮށް ކާޓޫން ކުރެހުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށް ސިފަކޮށް އެކަން ދިފާޢުކޮށް ވާހަކަ ދައްކަވާފައެވެ. ނަމަވެސް ޔަހޫދީންނާ ދެކޮޅަށް ހިޓްލަރު ހިންގާފައިވާ ކަމަށްބުނާ ހޮލޮކޯސްޓްގެ އަމަލުތަކަށް އިންކާރު ކުރުމަކީ ޔޫރަޕްގެ އެތަށް ގައުމެއްގައި އަދަބުދީ ޖަލަށްލެވޭ ބޮޑު ޖަރީމާއެކެވެ. އަދި އެއީ ޔޫރަޕްގައި ކާޓޫންވެސް ކުރެހުންމަނާ އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވުރެވެސް މާމަތީގައިވާ ކަމެކެވެ.
ހޮލޮކޯސްޓަށް ފާޑުކިޔައިގެން ޔޫރަޕްގެ އެތަށް މުވައްރިޚުންނެއް ޟަމީރުގެ ގައިދީންގެ ގޮތުގައި ޔޫރަޕްގެ ޖަލުތަކުގައި ދުވަސްތައް ގުނަމުން ގެންދެއެވެ. (ނޫސްއެޖެންސީތައް)