22 Jan 2015, 09:41
ޖަޕާނުގެ އެހީގައި ރާއްޖޭގައި ހިންގަމުން އަންނަ އަދި ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކާ ބެހޭ ގޮތުން ދެގައުމުގެ އޮފިޝަލުން އިއްޔެ މަޝްވަރާކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ މަޝްވަރާތައް އޮތީ އިއްޔެ އެ މިނިސްޓްރީގައި ކަމަށެވެ.
މަޝްވަރާތަކުގައި ޖަޕާނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ވަފުދުގައި އިސްކޮށް ހުންނެވީ ރާއްޖެ އަށް އެކްރެޑިޓްކޮށް ސްރީލަންކާގައި ގާއިމްކޮށްފައިވާ ޖަޕާނުގެ އެމްބަސީގެ ޑެޕިއުޓީ ހެޑްއޮފް މިޝަން އަސާކޯ އޮކާއީ އެވެ. އަދި ރާއްޖޭގެ ފަރާތުން އެމަޝްވަރާތަކުގައި ބައިވެރިވަޑައިގެންނެވި ވަފުދުގައި އިސްކޮށް ހުންނެވީ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މުހައްމަދެވެ. ރާއްޖޭގެ ފިނޭންސް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީ އާއި އިކޮނިމިކް މިނިސްޓްރީ އާއި އެންވަޔަރްމެންޓް މިނިސްޓްރީގެ ފަރާތުން ބޭފުޅުން އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އިއްޔެގައި ބޭއްވި އެ މަޝްވަރާތަކުގެ އިތުރުން ޖަޕާން އެމްބަސީގެ ހެޑް އޮފް މިޝަން އަސޯކޯ އޮކާއީ ވަނީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ ވެސް ބައްދަލުކުރައްވާފަ އެވެ.
ބައްދަލުވުމުގައި މިނިސްޓަރު ދުންޔާ ވިދާޅުވެފައި ވަނީ ރާއްޖެ އާއި ޖަޕާނާއި ދެމެދު އޮންނަ އިގުތިސާދީ ގުޅުމަށް އިތުބާރު އޮތް ކަމަށާއި އެގުޅުން ކުރިއެރުވުމަށް ދެގައުމުން މަސައްކަތް ކުރާނެ ކަމަށެވެ.
އަސާކޯއާއި ދުންޔާ ބޭއްވެވި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އައިޝަތު އަޒީމާ ބައިވެރިވެވަޑައިގެންނެވި އެވެ.