22 Jan 2015, 09:33
ސަންޢާ (ޖަނަވަރީ 22): ޔަމަނުގެ ވެރިކަމުގެ ނިޒާމް ހިޞާރު ކޮށްގެން އުޅޭ ހޫޘީ ޖަމާއަތާއެކު އެއްބަސްވުމަކަށް އައުމަށްޓަކައި ދޫތަކެއް ދިނުމަށް ނިންމެވިކަން އެގައުމުގެ ރައީސް އަބްދުރައްބު މަންސޫރު ހާދީ އިޢުލާން ކުރައްވައިފި އެވެ.
ހޫޘީ ޖަމާއަތަށް ދޫދެއްވުމަށް ނިންމެވިކަން އިޢުލާން ކުރައްވަމުން ރައީސް ހާދީ ވިދާޅުވީ، އެކަން ކުރެއްވީ ގައުމީ މަސްލަޙަތަށްޓަކައި ކަމުގައެވެ. މައްސަލަ ހައްލު ކުރުމަށް ހޫޘީން ހުށަހެޅި ހުށަހެޅުންތަކުގެ ތެރެއިން އިޖާބަ ދެއްވުމަށް ރައީސް ހާދީ ނިންމެވި ކަންތައްތަކުގެ ތެރޭގައި ޔަމަންގެ ސަރުކާރާއި ދައުލަތުގެ އިސް މަގާމްތަކުގެ ތެރޭން ބައެއް މަގާމްތަކަށް އެޖަމާއަތުގެ މެންބަރުން ލެއްވުމާއި ހޫޘީ ޖަމާއަތާއެކު ކުރިން ވެފައިވާ އެއްބަސްވުމަށް އަމަލުކުރުން ހިމެނެ އެވެ.
މިގޮތުން ހޫޘީ ހަނގުރާމަވެރިންނަށް ޔަމަންގެ އަމަނާއި ސަލާމަތާބެހޭ ކަންކަމުގައި ޚާއްސަ އިމްތިޔާޒްތަކެއް ލިބިދޭއިރު ސަރުކާރާއި ދައުލަތުގެ އިސް މަގާމްތައް އިންސާފުވެރި ގޮތެއްގައި ހޫޘީ ޖަމާއަތާއެކު ހިއްސާކުރުމަށްވެސް ރައީސް ހާދީ ވަނީ ނިންމަވާފައެވެ.
މި ދޫތަކުގެ ބަދަލުގައި ހޫޘީ ހަނގުރާމަވެރިން ވަނީ ރިޔާސީ ގަނޑުވަރުން ނުކުތުމަށާއި ބޮޑުވަޒީރު ޚާލިދު ބަޙާޙް އާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމުގެ އިތުރުން އެޖަމާއަތުން ވަގަށް ނަގާފައިވާ ޔަމަންގެ ރިޔާސީ އޮފީހުގެ މަސްއޫލުވެރިއެއް ކަމަށްވާ އަޙްމަދު ޢަވަޟު ބިން މުބާރަކް މިނިވަން ކުރުމަށްވެސް އެއްބަސްވެފައެވެ.
ހޫޘީ ޖަމާއަތުގެ އެދުންތަކަށް އިޖާބަ ދެއްވުމަށް ނިންމެވިކަން ޔަމަންގެ ރައީސް އަބްދު ރައްބު މަންސޫރު ހާދީ އިޢުލާން ކުރައްވާފައިމިވަނީ ހޫޘީ ހަނގުރާމަވެރިން ޔަމަންގެ ރިޔާސީ ގާޑުންނާ ކުރިމަތިލައި އެމީހުން ބަލިކުރުމަށްފަހު ރިޔާސީ ގަނޑުވަރަށް ގަދަބާރުން ވަދެގަނެ ރައީސް ހާދީ ހިސާރު ކުރުމާ ގުޅިގެން ޔަމަންގެ ރިޔާސަތު ހުއްޓުމަކަށް އައުމާ ގުޅިގެންނެވެ.
ހޫޘީ ޖަމާއަތުގެ ހަނގުރާމަވެރިން ޔަމަންގެ ރިޔާސީ ގަނޑުވަރު އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސް ރައީސް ޙާދީ ޙިސާރުކުރީ ހާދީގެ ސަރުކާރުން ގައުމުގެ މަސްލަޙަތަށްވުރެ އަމިއްލަ މަސްލަޙަތު އިސް ކުރާތީއާއި އެޖަމާއަތާއެކު ސޮއިކޮށްފައިވާ ސުލްޙައިގެ އެއްބަސްވުން ތަންފީޒު ކުރުމަށް ހާދީގެ ސަރުކާރުން ފަސްޖެހޭތީ ކަމަށް ބުނެ މިދިޔަ އަންގާރަ ދުވަހު އެވެ. އޭގެކުރިން އެޖަމާއަތުގެ ހަނގުރާމަވެރިންވަނީ ބޮޑުވަޒީރު ޚާލިދު ބަޙާހްވެސް އޭނާގެ ގެކޮޅުގައި ޙިސާރުކޮށް ޔަމަންގެ ސަރުކާރު މުޅިން ހުއްޓުމަކަށް ގެނަސްފައެވެ.
ޔަމަންގެ އަވަށްޓެރި ގަލްފުގެ އަރަބި ގައުމުތަކުންވަނީ ހޫޘީން ޔަމަންގެ ރިޔާސީ ގަނޑުވަރު ހިފައި ރައީސް ހާދީ ޙިސާރުކުރި މައްސަލަ ކުށްވެރިކޮށް ރައީސް ހާދީއަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުންވަނީ ރައީސް ހާދީއަށް ތާއީދުއޮތްކަން ހާމަކޮށް ބަޔާނެއް ނެރެފައެވެ. (އަލްޖަޒީރާ)