އާންމުކޮށް ރާއްޖެއިން ނުފެންނަ މަސްތުވާތަކެތީގެ ބާރުގަދަ ބާވަތެއް ކަމަށްވާ "ކްރިސްޓަލް މެތް" ރާއްޖެއިން ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން' އަށް ވިދާޅުވީ "ކްރިސްޓަލް މެތް" ފެނިފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހެނދުނު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މ. އެރޯވިލާއިން ކަމަށެވެ.

ކޯޓު އަމުރެއްގެ ދަށުން މ. އެރޯވިލާގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، ކްރިސްޓަލް މެތް އާއި ހެރޮއިން ކަމަށް ތުހުމަތު ކުރެވޭ މަސްތުވާތަކެއްޗާއެކު 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ފަސް ދުވަސް ޖަހާދީފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، އެމީހާއަކީ ތަފާތު އެކި މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮތް މީހެއް ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި މީހާއަކީ 2003 ވަނަ އަހަރުގެ ޖުލައި މަހު މާލޭގައި ހިނގި ހަމަނުޖެހުންތަކުގައި ބައިވެރިވެ، ސަރުކާރުގެ އިމާރާތްތަކާއި ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖެހި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވުމާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން މައާފުދީ ޖަލުން މިނިވަންކޮށްފައިވާ މީހެކެވެ.