22 Jan 2015, 00:58
ޕީޕަލްސް ކަޕްގައި ވާދަކުރުމަށް ރާއްޖެގެ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުން އަންނަ މެލޭޝިއާގެ ކްލަބް ޕީޑީއާރްއެމްގެ ކުޅުންތެރިން ރާއްޖެ އަތުވެއްޖެއެވެ.
ދަގަނޑޭ ހިމެނޭގޮތަށް ޓީމްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވެސް މިރޭ ވަނީ ރާއްޖެ އައިސްފައެވެ. އެ ޓީމަށް މިރޭ އެއާޕޯޓުގައި މަރުހަބާ ކިޔާފައި ވަނީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓެރީ ބައްސާމް އަދީލް ޖަލީލު އާއި ނޯމަލައިޒޭޝަން ކޮމިޓީގެ އިސް ބޭފުޅުންގެ އިތުރުން އެފްއޭއެމްގެ ހިންގުންތެރިންނެވެ.
އެ މުބާރާތާ ބެހޭގޮތުން މިރޭ އެ ޓީމްގެ ކޯޗް އަޒްމާން އަދުނާން ބުނީ ޕީޕަލްސް ކަޕްގައި އެ ޓީމްގެ ޓާގެޓަކީ ފައިނަލްގައި ވާދަކުރުން ކަމަށާއި، އެ މުބާރާތުގެ ކޮންމެ މެޗެއްގައިވެސް އެ ޓީމްގެ އެންމެ ރަނގަޅު ކުޅުން ދައްކާނެ ކަމަށެވެ.
"އަހަރުމެންގެ ފުތަމަ މެޗު އޮތީ ނިއުރޭޑިއެންޓާ ދެކޮޅަށް. މުބާރާތުގެ ހުރިހާ މެޗެއްގައިވެސް ރަނގަޅު ވާދަވެރިކަމެއް ދެއްކޭތޯ އަހަރުމެން ބަލާނަން. އަދި ވަކިން ޚާއްސަކޮށް ނިއުއާ ދެކޮޅަށް މާދަމާ ރޭ ކުޅޭ މެޗުގައި އަހަރުމެންގެ އެންމެ ފުރިހަމަ ކުޅުން ދެއްކޭތޯ ބަލާނަން. އަދި އެ މުބާރާތުގައި ލަޔަންސް އާ ދެކޮޅަށް ކުޅެން ލިބުމަކީ އެ ޓީމް ރަނގަޅަށް ދެނެގަނެ، ޓީމްގެ ވީކްނެސްތައް ދެނެގަންނަން ލިބޭ ރަނގަޅު ފުރުސަތެއް،" އަޒްމާން ބުންޏެވެ.
ކޯޗް އަޒްމާން ބުނީ މާދަމާ ރޭގެ ކުރިން ތަމްރިނުތަކެއް ބޭއްވޭނެ ކަމަށް ހީނުކުރެވޭ ކަމަށާއި، ނަމަވެސް އެ ޓީމްގެ އެންމެ ރަނގަޅު ކުޅުން މުބާރާތުގެ ހުރިހާ މެޗެއްގައިވެސް ދެއްކޭތޯ ބަލާނެ ކަމަށެވެ. ކޯޗު ބުނިގޮތުގައި އެ މުބާރާތުގައި ދަގަނޑޭއަކީ އެ ޓީމްގެ ބޮޑު އެސެޓަކަށް ވާނެއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ދަގަނޑޭ ބުނީ މިއީ ވަރަށް ޚާއްސަ މުބާރާތެއް ކަމަށާއި ހުރިހާ ސަޕޯޓަރުން ދަނޑަށް ގޮސް ސަޕޯޓްކޮށްދިނުމަށް އޭނާ އެދޭ ކަމަށެވެ.
ޕީޑީއާރްއެމްގެ ހެޑް ކޯޗު މުހައްމަދު ފައުޒީ ބުނީ ދިވެހީންގެ ގިނަ ބަޔަކު އެ ޓީމަށް ސަޕޯޓުކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ސަބަބަކީ އެ ޓީމްގައި ހިމެނޭ ދަގަނޑޭއަކީ ރާއްޖޭގެ އެންމެ މަގުބޫލު ކުޅުންތެރިއާއަށް ވާތީ ކަމަށް ފައުޒީ ބުންޏެވެ.
މާދަމާ ރޭ އެ ޓީމް ނިއުރޭޑިއެންޓާ ދެކޮޅަށް ކުޅެން ހަމަޖެހިފައި ވާއިރު، ނިއުވެސް ވަނީ އެ މުބާރާތައް ގިނަ ތައްޔާރީތަކެއް ވެފައެވެ. މިއަދު 'ސަން' އަށް މައުލޫމާތު ދެއްވަމުން ނިއުގެ ސެކްރެޓެރީ ޖެނެރަލް އިސްމާއީލް ވިޝާމް ވިދާޅުވީ ޓީމް މިޙާރު އޮތީ ވަރަށް ރަނގަޅު ފެންވަރެއްގައި ކަމަށާއި، އެ މުބާރާތައް އެ ޓީމް ނިކުންނާނީ ވަރަށް ވަރުގަދަ ސްކޮޑަކާ އެކީ ކަމަށެވެ.