22 Jan 2015, 00:39
ޏ. ފުވައްމުލަކު އެއާޕޯޓް ހިންގުމަށް ސަރުކާރުން ހަވާލުވާނެ ކަމަށް ރައީސް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެސްޓީއޯއަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފުވައްމުލަކު އެއާޕޯޓުން އެސްޓީއޯއަށް ފައިދާ ނުވާއިރު އެއެއާޕޯޓާއި ހަވާލުވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އެސްޓީއޯއަށް ބަދަލުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ފުވައްމަލުކު އެއާޕޯޓާއި ސަރުކާރުން ހަވާލުވުމަށް ނިންމާފައިވާއިރު އެސްޓީއޯގެ އާ މެނޭޖްމަންޓުން އެސްޓީއޯ ހިންގުމާ ހަވާލުވި އިރު ފުވައްމުލަކު އެއާޕޯޓް ހެދުމުން އެ ކުންފުންޏަށް ދޭން ޖެހޭ ދެ ރަށުގެ ތެރެއިން އެއް ރަށް ލިބިފައިނުވެ އެވެ. އެސްޓީއޯ އަށް މިހާރު ލިބިފައިވާ ރަށަކީ ހަތަރު ހެކްޓަރުގެ ކުޑަ ރަށެކެވެ. ބޮޑު ރަށް ވަނީ ނުލިބި އެވެ.
އެސްޓީއޯ އަށް އެ ދެ ރަށް ދީފައި ވަނީ ފުވައްމުލަކު އެއާޕޯޓް ހިންގައިގެންވާ ގެއްލުން ފޫބެއްދުމުގެ ގޮތުންނެވެ.
ފުވައްމުލަކު އެއާޕޯޓް ހެދުމަށް 170 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު އެ އެއާޕޯޓް އޮޕަރޭޓް ކުރުމަށް މިހާރު އަހަރެއްގެ މައްޗަށް އެއް މިލިއަން ރުފިޔާ ހަރަދުވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.