އެސްޓީއޯ ހިންގުން ހަރުދަނާކޮށް ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށާއި ގިނަ ކަންތައްތަކެއް ތައާރަފް ކުރައްވާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އެސްޓީއޯއަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ "އަޅުގަނޑުމެން މި ދަނީ ކުރި މަގަށް ތަސައްވަރުތަކެއް ރާވަމުން،" ކަމަށާއި ވަރަށް އަވަހަށް ސިމެންތިން މާހައުލަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށް "ބެޗިން" ޕުލާންޓެއް މާލޭގެ ބަނދަރު ސަރަހައްދުގައި ގާއިމްކޮށް ހިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.

ހަމައެހެންމެ އެސްޓީއޯ ޝިޕިން ފުޅާކޮށް މުދާ ގެނެވޭ މިންވަރު އިތުރަށް އަގުހެޔޮކޮށް އަމިއްލަ ފަރާތްތަކަށް މުދާ އެތެރެ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަކީ އަމާޒެއް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އެއާއެކު ރާއްޖޭގައި ތެޔޮ ރައްކާކުރާ ޖާގަ ދެގުނައަށް އިތުރުކޮށް ތެޔޮ އުފުލާ ޓޭންކަރުތައް ތިން ގުނަ އިތުރުކޮށް ރާއްޖޭގައި އަބަދު ވެސް ތެލުގެ ހެޔޮ ރިޒާވެއް ބެހެއްޓުމަކީ ކައިރި މުސްތަގުބަލެއްގެ އަމާޒެއް ކަމަށް އާޒިމް ވިދާޅުވި އެވެ. ސިއްހީ ސާމާނު ރަނގަޅަށް ބެލެހެއްޓުމަށް އިމާރާތެއް ބިނާ ކުރުމަށާއި އެއާއެކު ރަށް ރަށަށް ސިއްހީ ހިދުމަތް ދޭ ސާމާނު ފޯރުކޮށް ދިނުމަށް ބޮޑެތި ލުއިތަކެއް ހޯދިގެންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެސްޓީއޯގެ އަމާޒަކީ މި ކުންފުއްޏަކީ މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި އިތުބާރާއެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ އަދި ހިއްސާދާރުންނަށް ލިބޭ ފައިދާ ބޮޑު ކާމިޔާބު ކުންފުއްޏަކަށް ހެދުން، މިމަސައްކަތުގައި ވަރުބަލި ކަމެއްނެތި އެސްޓީއޯގެ އާއިލާ އާދެ އަޅުގަނޑުމެންގެ މުއައްޒިފުން ދެމިތިބޭނެ،" އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯއިން ހޯދި ކާމިޔާބީތައް ސިފަކުރައްވައި އާޒިމް ވިދާޅުވީ އެސްޓީއޯގެ ކުންފުނިތަކުގެ ހިސާބުތައް ކުރާ ދުވަސްތައް ވަނީ ކުރިން ހޭދަވާ ތިން މަސް ދުވަހުގެ މުއްދަތު ފަސް ދުވަހަށް ބަދަލުކޮށްފައި ކަމަށެވެ. އަދި ވޭތުވެދިޔަ އަށް މަސް ދުވަހުގެ ތެރޭގައި 71 ޕާމަސީ ހުޅުވާފައިވާއިރު 2016 ވަނަ އަހަަރަށް މަރުހަބާ ކިޔާނީ ކޮންމެ ރަށެއްގައި ފާމަސީއެއް ހުޅުވާދީފައި ކަމަށް އާޒިމް ވިދާޅުވި އެވެ. ހަމައެހެންމެ އިޖްތިމާއި ކަންކަމުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގައި ވެސް އެސްޓީއޯއިން ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އެސްޓީއޯއަށް ކޮށްދެއްވި ހިދުމަތް އަގު ވަޒަން ކުރައްވާ ހަދާނީ ފިލާއެއް ވަނީ އަރުވާފަ އެވެ. އެސްޓީއޯއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްފައިވާ ފަރާތްތަކާއި އެސްޓީއޯގެ އިސް މަގާމު ފުރުއްވާފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ވެސް މިރޭ ވަނީ ހާއްސަ ހަދާނީ ފިލާއެއް ދެއްވާފަ އެވެ.

މިރޭގެ ރަސްމިއްޔާތު ނިންމާލާފައިވަނީ "މިއުޒިކަލް ފަޔާ ވޯކްސް"އަކުންނެވެ.