21 Jan 2015, 23:50
އެސްޓީއޯގެ ވިޔަފާރި މިހާރަށްވުރެ ފުޅާކޮށް އެއާއެކު ބައިނަލް އަގުވާމީ ވިޔަފާރީގެ ތެރެއަށް އެސްޓީއޯ ވަނުމަށް ރައީސް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެދިވަޑައިގެންފި އެވެ.
އެސްޓީއޯއަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިގު މުއްދަތެއްގެ ފަހުން ފައިދާ ލިބޭ ވިޔަފާރީގެ ތެރެއަށް އެސްޓީއޯ ވަންނަންޖެހޭ އެސްޓީއޯއަކީ އަބަދު މުދާގަނެ މުދާ ވިއްކަން ތިބޭ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ. އެއާއެކު އެސްޓީއޯގެ ވިޔަފާރި ބައިނަލް އަގުވާމީ ދާއިރާއަށް ފުޅާ ކުރުމަށް އެމަނިކުފާން ގޮވާލެއްވި އެވެ.
"އެސްޓީއޯ އިން މިހާރަށްވުރެ ފުޅާދާއިރާއެއްގައި ނެޓްވޯކިންއަށް އެބަ ވަންނަންޖެހޭ ބައިނަލްއަގުވާމީ ވިޔަފާރީގެ ތެރެއަށް އެބަ ވަންނަންޖެހޭ، ބައިނަލްއަގުވާމީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ ދަތިކަމެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެސްޓީއޯގެ ވިޔަފާރިތައް ފުޅާކުރެވޭނެ ދާއިރާތަކަށް އަލިއަޅުވާލައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާން ވިދާޅުވީ މިހާރަށްވުރެ އަގު ހެޔޮގޮތެއްގައި ތެޔޮ ހޯދޭނެ އަދި ތެޔޮ ފޯރުކޮށްދެވޭނެ ގޮތްތަކަކާ ދޭތެރޭގައި ވެސް އެސްޓީއޯއިން ވިސްނަންޖެހޭ ކަމަށެވެ. އެއީ ހަމައެކަނި ސާފުކުރި ތެޔޮ އިމްޕޯޓް ކުރުން އެކަނި ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. ހަމައެހެންމެ ގައުމީ ޝިޕިން ލައިނަކާއި ދޭތެރެ އާއި ތެޔޮއުފުލާ ޓޭންކަރުތައް ގަތުމަށް އެސްޓީއޯއިން ވިސްނަންޖެހޭ ކަމަށާއި އެކަންކަމަށް އެސްޓީއޯއަށް ސަރުކާރުން އެހީވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެސްޓީއޯފަދަ ބޮޑު އަދަދެއްގެ މުދާ އިމްޕޯޓް ކުރާ ބަޔަކަށް އެސްޓީއޯ ކާގޯ ޑިޕާޓްމަންޓެއްގެ ގޮތުގައި ޝިޕިންލައިން އުފައްދައިގެން ހިންގިދާނެ، އަދި އޭގައި އެސްޓީއޯއަށް ފައިދާތަކެއްވެސް ލިބޭނެ،" ރައީސް ޖުމްހޫރިއްޔާ ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެސްޓީއޯއަކީ ހަރުދަނާ ކުންފުއްޏަކަށްވުމަށް އެސްޓީއޯއިން ހަރަދުތައް ކުޑަކޮށް ފިލޯސަފީ ބަދަލުވާންޖެހޭ ކަމަށެވެ. އެމަނިކުފާން ވިދާޅުވީ އެސްޓީއޯއިން ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާއިރު އެއީ އެސްޓީއޯއަށް ޝުކުރު ހައްގު ކަމެއް ކަމަށެވެ.
އޭޓީއޭގެ ޓޫރޭޑިން އެކައުންޓެއްގެ ތެރެއިން ވަރަށް އާދައިގެ ވިޔަފާރިއެއްގެ ގޮތަށް ފެށިގެން އައި އެސްޓީއޯއަކީ އަސާސީ ހިދުމަތްތަކުން ފެށިގެން ގޮސް ރާއްޖެއަށް ދިމާވި ބޮޑެތި ހުރިހާ ކަމަކާއި ކުރިމަތިލާފައިވާ ކުންފުއްޏެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާން ވަނީ އެސްޓީއޯއަށް ހިދުމަތްކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.