21 Jan 2015, 23:15
ލަންކާގެ ސަންޑޭ ލީޑަރުގެ އެޑިޓަރާއި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު މަރާލި މައްސަލަ ކުރީގެ ވެރިންނާ ދިމާލަށް ތުހުމަތު ކުރެވުމާ އެކު އެ މައްްސަލަ އާ ސަރުކާރުން ހާއްސަ ގޮތެއްގައި ތަހުގީގު ކުރަން ފަށައިފި އެވެ.
ސަރުކާރުގެ މިނިސްޓަރަކާ ހަވާލާދީ މެލޭ މެއިލް އޮންލައިން ނޫހުން މިއަދު ބުނީ ސަންޑޭ ލީޑާ ނޫހުގެ އެޑިޓަރު ލަތަންސާ ވިކްރަމަތުންގާ މަރާލުމަށް ކުރީގެ ރައީސް ރާޖަޕަކްސާގެ ކޮއްކޮ ގޮތަހަބަޔާ ރާޖަޕަކްސާ އަމުރުކުރި ކަމަށް، ކުރީގެ ކެބިނެޓް މިނިސްޓަރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ތުހުމަތު ކުރުމާ އެކު އެ މައްސަލަ ބެލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ލަސަންތާ 2009 ވަނަ އަހަރު މަރާލީ އޭނާ އޮފީހަށް ދިޔަ މަގުމަތީގަ އެވެ.
"އަހަރުންގެ އަތު ހުރިހާ މައުލޫމާތެއް އެބަހުރި،" ރައްޔިތުންގެ މަޖިލީހުގެ އަދި އޭރުގެ އިދިކޮޅު ޕާޓީ އަށް ނިސްބަތްވާ ދެ މެމްބަރަކާއި ނޫހުގެ އެޑިޓަރު މަރާލި ހާދިސާ އަށް އިޝާރާތް ކުރައްވައި ހެލްތު މިނިސްޓަރު ރަޖިތާ ސެނެރަތަނަ ވިދާޅުވި އެވެ.
"އަހަރުންނަށް އެނގޭ ޒިންމާވާ ބަޔަކީ ކޮބައިކަން. ވަރަށް އަވަހަށް ހައްޔަރު ކުރާނެ،" އޭނާ ވިދާޅުވި އެވެ.
ނޫހުން ބުނީ ގޮތަހަބަޔާގެ ކޮމެންޓެއް ނުލިބުނު ކަމަށެވެ. ބައިނަލްއަގުވާމީ މައްސަލައަކަށް ވެފައިވާ، ނޫހުގެ އެޑިޓަރު މަރާލި މައްސަލައާ ބެހޭ ގޮތުން ރާޖަޕަކްސާގެ އާއިލާ އިން ބުނީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކައެއް ކަމަށާއި އެ އާއިލާ އިން އެކަމުގައި ބައިވެރިވެފައި ނުވާނެ ކަމަށެވެ.
ލަސަންތާ އާއި އޭނާގެ ނޫހަކީ ރާޖަޕަކްސާގެ ސަރުކާރަށް އޭރު ވަރަށް ވަރުގަދަ އަށް އަދި އޮއްޓަރު ހުރި ގޮތެއްގައި ފާޑުކިޔަމުން ދިޔަ ނޫހެކެވެ. އަދި އެ ނޫހުން އޭރު އެންމެ ބޮޑަށް ފާޑު ކިއީ ރާޖަޕަކްސާގެ ކޮއްކޮ އަދި ޑިފެންސް ސެކްރެޓަރީ ގޮތަހަބަޔާ މިލިޓަރީ އަަށް ގަން ސެކަންޑް ހޭޑް އެއާކްރާފްޓަކުން ނާޖާއީޒު ފައިދާ ނެގި ކަމަށް ބުނެ އެވެ.
ހެލްތު މިނިސްޓަރު ވިދާޅުވީ ގޮތަހަބަޔާ ކުރިން ޑިފެންސް މިނިސްޓްރީ ހިންގި ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރާނެ ކަމަށާއި އަދި އޭނާ އާމީގެ ބޭރުން ހަތިޔާރު ގެންގުޅުނީ ކިހިނެއްތޯ ވެސް ބައްލަވާނެ ކަމަށެވެ.

ޕްރައިވެޓް ސިކިއުރިޓީ ފާމަކުން އިއްޔެ ގިނަ އަދަދެެއްގެ ހަތިޔާރު ފުލުހުން ވަނީ އަތުލައިފަ އެވެ. އަދި އެެ ފާމަކީ ކުރީގެ ޑިފެންސް ސެކްރެޓަރީއާ ގުޅުން އޮންނަ ފާމެއް ކަމަށް ފުލުހުން ބުނެ އެވެ.