21 Jan 2015, 23:10
ކުންފުނިތަކުން ދޭ ހިދުމަތައް ރަނގަޅުތޯ ބެލުމަށް ކުންފުނިތަކުގެ ހިންގުމާ "ބެހެން" ސަރުކާރުން ވަނީ ނިންމާފައި ކަމަށާއި ބޭނުންވާ ގޮތަށް ހިދުމަތް ނުދޭނަމަ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން މަގާމުން ވަކިކުރައްވާނެ ކަމަށް ރައީސް ޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ އެކިއެކި މަގާމުތަކަށް ބަދަލުތަކެއް ގެންނަ ދުވަސްވަރެއްގައި އެސްޓީއޯއަށް 50 އަހަރުން ފާހަގަ ކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން ކުންފުނިތައް އުފައްދާފައި ވަނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށްވާއިރު ކުންފުނިތައް ހިނގަނީ ރަނގަޅަށްތޯ ބަލައި އެ ކުންފުނިތަކާ ސަރުކާރުން "ބެހޭނެ" ކަމަށެވެ. އަދި ސަރުކާރުން ތަސައްވަރަށް ކުންފުނިތައް ކުރިއަށްނުދާނަމަ މެނޭޖިން ޑިރެކްޓަރުންވެސް ބަދަލުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކުންފުނިތަކުން ޕާފޯމަންސް ނުދެއްކެންޔާ، ކުންފުނިތަކުން އަޅުގަނޑުމެން ސަރުކާރުން މިބުނާ އަންރީޒަނަބަލް ކަންތައްތަކެއް ނޫން ސަރުކާރުން ހުށައަޅާނީއެއް، އެކަމަކު ސަރުކާރުގެ އުންމީދުތަކެއް ހުރެގެން، އިގްތިސާދީ ތަސައްވަރެއް ހުރެގެން އެދާއިރާތަކަށް ދަތުރުކުރަން ކުންފުނިތަކަށް އަންގަވައިގެން އެކަންކަން ނުކުރެވޭކަމުގައި ވަންޔާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ވެސް ބަދަލުވާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ކުންފުނިތައް އުފައްދާފައި ހުންނަނީ ސަރުކާރުން ބޭނުންވާ ހިދުމަތްތަކެއް ދޭން ކަމަށާއި އެކަންކަން ކުރުމަށް ކުންފުނިތަކުގެ "އަމިއްލަ ސްޕީޑު" ހިޔާރު ކުރަން ފުރުސަތު ނޯންނާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާން ވިދާޅުވީ ކުންފުނިތަކުގެ ހިންގުންތެރެއަށް ވަނުމަކީ ބޯޑުގައި ހުންނަ ހުރިހާ މައްސަލަތަކަށް ފާޑުކިޔުމެއް ނޫން ކަމަށާއި ނަމަވެސް ކުންފުނިތައް އޮޕަރޭޓް ކުރަންޖެހޭނެގޮތުގެ މައިގަނޑު ވިޔުގައެއް ސަރުކާރުން ދައްކާނެ ކަމަށެވެ.
ކުންފުނިތައް ރަނގަޅަށް ނުހިނގުމުން އޭގެ ޒިންމާ ސަރުކާރުން ނަގަން ޖެހޭ ކަމަށް ވިދާޅުވެ، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ފެއިލް ވުމުން ސަރުކާރަށް ދިމާވި ގޮންޖެހުންތައް ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އެފަދަ ކަންތައްތަކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. ފަހަކަށް އައިސް ސަރުކާރުގެ ކުންފުނިތަކަށް ލިބޭ ފައިދާ އިން ސަރުކާރަށް ޑިވިޑެންޓް ނުދައްކާ ކަމަށާއި އެހެންކަމުން ސަރުކާރަށް ނަފާ ނުލިބޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން ކުންފުނިތައް އުފައްދައިގެން ސަރުކާރަށް ވަނީ ކޮންފައިދާއެއްތޯ ކުންފުނިތަކުގެ ބޯޑު މެމްބަރުން ވިސްނުމަށް ރައީސް ޔާމީން އިލްތިމާސް ކުރެއްވިއެވެ.
އެމަނިކުފާން އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރުގެ ހުރިހާ ކުންފުއްޏެއްގެ ޕާފޯމަންސް އޮޑިޓެއް ދަނީ ހެދަމުން ކަމަށާއި އެކަމުގެ މަގުސަދަކީ ކުންފުނިތައް ކުރިއަށް ދަނީ ރަނގަޅަށްތޯ ބެލުން ކަމަށެވެ.