އޯޓިޒަމް ކުދިންނަށް ހާއްސަ ސްކޫލެއް ހުޅުމާލޭގައި އަޅަން ނިންމައި، އެ ސްކޫލުގެ ބިންގާ މިއަދު އަޅައިފި އެވެ.

އޯޓިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަސް ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ހުޅުމާލޭގައި ބޭއްވި ހަފްލާއެއްގައި އެ ސްކޫލުގެ ބިންގާ އަޅުއްވައި ދެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި އޯޓިޒަމް އެސޯސިއޭޝަންގެ ޗެއާޕާސަން އިލްހާމް ހުސެއިނެވެ.

އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އިފްހާމް ހުސެއިން މިރޭ ވިދާޅުވީ، އޯޓިޒަމް ކުދިންނަށް ސްކޫލެއް އަޅަން ނިންމީ އެ އެސޯސިއޭޝަން މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ މަގްސަދުގައި ކަމަށެވެ. އަދި 200 ކުދިންގެ ޖާގައިގެ އެ ސްކޫލުގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ނިންމައި ކުދިންނަށް ހިދުމަތް ދޭން ފެށޭވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.


"މި ބިމަކީ އޯޓިޒަމް އެސޯސިއޭޝަނަށް ޖާގައިގެ ދަތިކަން ހުރުމުން ބިމަކަށް ރިކުއެސްޓް ކޮށްގެން ލިބުނު ބިމެއް. ބިން ލިބުނީ މިދިޔަ އަހަރުގެ މެދު ތެރޭގައި. އެ ބިމުގައި ސްކޫލް އިމާރާތްކޮށްދިނުމަށް މިހާރު ވެސް ގިނަ ފަރާތްތަކެއްގެ ޝައުގުވެރިކަންދަނީ ލިބެމުން،" އޯޓިޒަމް އެސޯސިއޭޝަންގެ އެމްޑީ އިފްހާމް ވިދާޅުވި އެވެ.

އޯޓިޒަމް އެސޯސިއޭޝަނަށް ހުޅުމާލެއިން ލިބުނު 4000 އަކަފޫޓުގެ ބިމުގައި އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ހަތަރު ބުރީގެ އިމާރާތެކެވެ. އަދި އެ އިމާރާތުގައި އޯޓިޒަމް ކުދިންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެކުދިން ކުޅޭނެ ޕްލޭގްރައުންޑެއްގެ އިތުރުން މޫދުގެ ހަރަކާތްތައް ހިންގުމަށް ސްވިމިން ޕޫލެއް ވެސް ހިމެނިގެންދާނެ ކަމަށް އިފްހާމް ވިދާޅުވި އެވެ.

އޯޓިޒަމް ހުންނަ އުމުރުން ދެ އަހަރާއި 10 ކުދިންނަށް ހާއްސަ ތެރަޕީތަކެއް ދެމުން އަންނަ އޯޓިޒަމް އެސޯސިއޭޝަންގެ އެންމެ ގިނަވެގެން ހިދުމަތް ދެވޭނީ 89 ކުދިންނަށް ނަމަވެސް މިހާރު ވެސް އެ އެސޯސިއޭޝަނުން އަންނަނީ 81 ކުއްޖަކަށް ތެރަޕީ ދެމުންނެވެ.