08 Feb 2011, 17:17
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ތާރީހީ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލާ ތަފާތު މަރުކަޒުތަކުގައި ދިމާވި އެއްވަތަރުގެ މައްސަލަތަކުގައި އެ މަރުކަޒުތަކުން ތަފާތު ގޮތްގޮތަށް އަމަލުކޮށްފައިވާތީ އެކަމާ ކަންބޮޑުވާ ކަމަށް ޓްރާންސް ޕޭރަންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އޮބްޒާވު ކުރުމަށް ފަހު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ޓްރޭންސްޕޭރަންސީ މޯލްޑިވްސްގެ ޕްރޮޖެކްޓް ކޯޑިނޭޓާ އައިމަން ރަޝީދު ވިދާޅުވީ، އިންތިހާބުގެ ތެރޭގައި ރަށްރަށުގައި ހަމަނުޖެހުން ހިނގުމުގެ އިތުރަށް، ބައެއް މީހުންގެ ވޯޓުލުމުގެ ހައްގު ގެއްލުނީ އިލެކްޝަންސް ކޮމިޝަންގެ އިދާރީ ބައެއް މައްސަލަތަކުގެ ސަބަބުން ކަމަށެވެ.
"ވަރަށް ގިނަ ފަރާތްތަކުން ޝަކުވާ އައިސްފައި އެބަހުރި. ވޯޓުލާން ދިޔައިރު ލަސްވާތީ ވޯޓު ނުލައި އެނބުރި އައިވާހަކަ. އަނެއްބައި ރަށްރަށުގައި ވޯޓުލާން ދިޔައިރު ވޯޓުފޮށި ނެތުން ނޫނީ ކަރުދާސްނެތުން ފަދަ ކަންކަން ދިމާވެފައި އެބަހުރި. އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަވި އެކި ޕޯލިން ސްޓޭޝަންތަކުގައި އެއްކަމެއް ދިމާވުމުން އަމަލުކޮށްފައި ހުރި ގޮތް ތަފާތުވުން. މިސާލަކަށް އެއް ވޯޓިން ސްޓޭޝަންތަކުގައި އެހީތެރިއަކާ އެއްކޮށް ވޮޓުލެވިފައި އަނެއްބައި ތަންތާގައި ނުލެވިފައި،" އޭނާ ވިދާޅުވި އެވެ.
އައިމަން ވިދާޅުވީ އެހެން އިންތިހާބުކާ ހިލާފަށް މިފަހަރުގެ އިންތިހާބުގައި މައުލޫމާތު ލިބުމުގައި ކޮންމެވެސް ކަހަލަ ދަތިތަކެއް އެބަހުރި ކަމަށާއި އެބޭފުޅުންގެ ފައިނަލް ރިޕޯޓް ވެސް ލަސްވަނީ އިލެކްޝަންސް ކޮމިޝަނުން ލިބެން ޖެހޭ ބައެއް މައުލޫމާތުތައް ލަސްވާތީ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަ ކުރެވިފައި އެބަހުރި ކުރީގެ އިލެކްޝަންސްތަކާ އަޅާބަލާއިރު ޓްރާންސްޕޭރަންޓް ވުމުގައި ތަންކޮޅެއް ފަހަތަށް ޖެހިފައި ހުރިތަން. އަޅުގަނޑުމެންގެ ފައިނަލް ރިޕޯޓް ވެސް ތަންކޮޅެއް ލަސްވަނީ އިލެކްޝަންސް ކޮމިޝަނުން ލިބެން ޖެހޭ މައުލޫމާތުތައް ލަސްވާތީ،" އޭނާ ވިދާޅުވި އެވެ.
ވޯޓްލާން ނިކުތް މީހުންގެ އަދަދު ނިސްބަތުން މަދުކަން ފާހަގަކުރައްވަމުން އައިމަން ވިދާޅުވީ އެންމެ ވޮޓަކީ ވެސް މިފަހަރުގެ އިންތިހާބުގައި މުހިންމު ވޮޓަކަށް ވާނެ ކަމަށާއި ވޯޓްލާން ނިކުތް އެއްވެސް މީހެއްގެ ހައްގު ގެއްލިފައި ވުމަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ.
"މިފަހަރުގެ އިންތިހާބުގައި ވޯޓް ލާން ނިކުތް މީހުން ވަރަށް މަދު. އެކަމުން އެންމެ ވޯޓެއްގެ ބުރަދަނަކީ ވަރަށް ބޮޑު މުހިންމު ބުރަދަނެއް. އެންމެ މީހެއްގެ ވޯޓުލުމުގެ ހައްގު ގެއްލިފައި ވުމަކީ ވެސް އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" އައިމަން ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ ޒިންމާ އާއި ކައުންސިލްތަކުގެ ޒިންމާ ހޮވުނު ފަރާތްތަކަށް އަދިވެސް އޮޅުންފިލާފައިނުވާފައިވާ ކަމަށް ވެސް އައިމަން ވިދާޅުވި އެވެ.
"ހޮވިވަޑައިގަތް ބޭބޭފުޅުންނަށް އިނގިވަޑައެއް ނުގަންނަވާ ކައުންސިލްތަކަކީ އަދި އެބޭފުޅުންގެ ޒިންމާތަކަކީ ކޮބައިކަމެއް. އެބޭފުޅުންނަށް އެބަޖެހޭ އެކަން އަންގައިދެން،"
ޓްރާންސްޕޭރެންސީން ބުނީ، ކައުންސިލްތަކުގެ އިންތިހާބަކީ ރާއްޖޭގައި އެހާ ފުޅާކޮށް ބޭއްވި ފުރަތަމަ އިންތިހާބުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ޖުމްލަ ގޮތެއްގައި އިންތިހާބުގެ އިދާރީ އިންތިޒާމްތައް ރޭވިފައި ހުރީ ރަނގަޅަށް ކަމަށެވެ. އަދި އެ އިލެކްޝަންސްގައި ކަންތައްތައް ހިނގައި ދިޔަ ގޮތާ ގުޅޭ ފުރިހަމަ ރިޕޯޓެއް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެ އެވެ.