ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝް (ޖޭއެސްސީ) އަށް ހާޒިރުވާން އަންގައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މާދަމާ 2:00 އަށް މަހާޒު ޖޭއެސްސީ އަށް ހާޒިރުކުރަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލު ކުރުމަށެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ބޭފުޅަކު ނެތި ޖިނާއީ ދައުވާތައް ކުރިއަށް ގެންދިއުމަކީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ވިދާޅުވެ ޕީޖީއަކު ނެތް ދުވަސްވަރު މަހާޒު ވަނީ އޭނާގެ އަމިއްލަފުޅު ބްލޮގްގުގައި އެކަމާ ބެހޭ ލިޔުމެއް ޝާއިއުކުރައްވައިފަ އެވެ. އެ ލިޔުން ޝާއިއުކުރުމާ ގުޅިގެން ޖޭއެސްސީ އިން ވަނީ އެއީ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމެއް ކަމަށް ކަނޑައަޅައި އެ މައްސަލަ ބަލަން ނިންމައިފަ އެވެ.

މަހާޒު ވިދާޅުވެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންނުކޮށް ޖިނާއީ ދައުވާތައް ކުރިއަށް ގެންދެވޭނެ ގާނޫނީ އުސޫލެއް ނެތް ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ބޭފުޅަކު ނެތް ނަމަވެސް ޕީޖީ އޮފީހުގެ ވަކީލުންނަށް ކޯޓުތަކުގައި ދައުލަތް ތަމްސީލް ކުރެވިދާނެ ކަމަށް ވިދާޅުވެ ދައުލަތުގެ ބަންޑާރަނައިބް މުހައްމަދު އަނީލް ކުރިން ދެއްވި ގާނޫނީލަފައާ ގުޅޭ ގޮތުން ވެސް އޭނާ ދެކެވަޑައިގަންނަވާ ގޮތް މަހާޒު ވަނީ އޭނާގެ ލިޔުމުގައި ހިމަނުއްވައިފަ އެވެ.

އޭޖީގެ ގާނޫނީ ލަފަޔާ ގުޅޭ ގޮތުން މަހާޒު ވިދާޅުވެފައި ވަނީ ޖިނާއީ ދައުވާތަކަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ވަކީލުން ފަރުދީ ގޮތެއްގައި ކުރާ ދައުވާތަކެއް ނޫން ކަމަށާއި ޕީޖީ އޮފީހުގެ ވަކީލުން ދައުލަތް ތަމްސީލުކުރާކުރުމަކީ، ގާނޫނު އަސާސީގެ 224 ވަނަ މާއްދާގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލް އޭނާގެ މަސްއޫލިއްޔަތު އަދާކުރުން ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އާއި ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ބޭފުޅަކު ނެތްހާލަތެއްގައި ޕީޖީ އޮފީހުގެ ވަކީލުން ކޯޓުތަކަށް ހާޒިރުވުމަށް އަންގައިގެން ހާޒިރު ނުވެއްޖެނަމަ އެ ވަކީލުންނާ މެދު އެއްވެސް ފިޔަވަޅެއް އެޅިގެން ނުވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މަހާޒު އަކީ ޕީޖީ އޮފީސް އުފެދުނު އިރުން ފެށިގެން އެ އޮފީހުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުލަތް ތަމްސީލު ކުރުމުގެ ގޮތުން ވަކާލާތު ކުރައްވާފައިވާ ބޭފުޅެކެވެ.