ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮޓަލުތަކުގެ ލިސްޓުގެ އެއް ވަނަ މަގާމު ރާއްޖޭގެ ގިލި ލަންކަންފުށި ރިސޯޓް ހޯދައިފި އެވެ.

ފަތުރުވެރިން ފާޅުކުރާ ހިޔާލުތަކަށް ބިނާކޮށް ދުނިޔޭގެ މަޝްހޫރު ޓްރެވަލް ބުކިން ވެބްސައިޓް "ޓްރިޕް އެޑްވައިޒާ" އިން މިއަދު ހޮވި ފަތުރުވެރިންގެ އެންމެ މަގްބޫލު އަދި ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު 25 ހޮޓަލުގެ ލިސްޓުގައި ގިލި ލަންކަންފުށްޓާއެކު ރާއްޖޭގެ ފާހަގަކޮށްލެވޭ އިތުރު ދެ ރިސޯޓެއް ވެސް އެ ލިސްޓުގައި ހިމެނިފައިވެ އެވެ. އެއީ ލިސްޓުގެ ހަ ވަނަ ލިބުނު ކޮކޯ އައިލެންޑް ރިސޯޓާއި 15 ވަނަ މަގާމު ލިބުނު ކޮންސްޓެންސް މޫފުށްޓެވެ.


ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮޓަލުތަކުގެ މަގާމު، މަޓާޓޯގެ ފަރާތުން 2013 ވަނަ އަހަރު ދިން މަޓާޓޯ ޓްރެވަލް އެވޯޑުގެ މޮސްޓް ރޮމޭންޓިކް ރިސޯޓަކަށް ހޮވުނު ގިލި ލަންކަންފުއްޓަށް ލިބުނުއިރު އޭޝިއާ ސަރަހައްދުގެ އެއްވަނަ ހޮޓަލުގެ މަގާމާއި ރާއްޖޭގެ އެއްވަނަ ހޮޓަލުގެ މަގާމު ވެސް ހޯދާފައި ވަނީ ގިލި ލަންކަންފުއްޓެވެ.

ގިލިލަންކަންފުށީގެ އިތުރުން ރާއްޖޭގެ ހަ ރިސޯޓެއް ވަނީ އޭޝިއާ އިން ހޮވި އެންމެ ފެންވަރު ރަނގަޅު ހޮޓަލްތަކުގެ ލިސްޓުން ޖާގަ ހޯދާފަ އެވެ.

އަށް ރީޖަނަކުން 8000 އަށްވުރެ ގިނަ ހޮޓާތައް ވާދަކުރި 13 ވަނަ ޓްރިޕްއެޑްވައިޒާ ޓްރެވަލާސް އެވޯޑްސްގެ ދެވަނަ އަށް ހޮވިފައިވަނީ ކޮސްޓަރީކާގެ ހޮޓަލެއް ކަމަށްވާ ނަޔާރާ ހޮޓެލް ސްޕާ އެންޑް ގާޑަން އެވެ. އަދި ކެމްބޯޑިއާގެ ޝިންތާ މަނި ކްލަބް ހޮވިފައި ވަނީ ފަތުރުވެރިންގެ އެންމެ މަގްބޫލް ތިން ވަނަ ހޮޓަލަށެވެ.