21 Jan 2015, 20:57
އޭވީސީ ސަބް ޒޯނަލް ބީޗު ވޮލީބޯލް މުބާރާތުގައި މިއަދު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗު ކާމިޔާބުކޮށް، މުބާރާތުގެ ގްރޫޕް "ބީ"ގެ އެއްވަނަ ރާއްޖެ ހޯދައިފި އެވެ.
މާލޭގެ ދޮންގަނޑު ބީޗު ވޮލީބޯޅަ ކޯޓުގައި ކުރިއަށް ގެންދާ މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުތީ އަފްގާނިސްތާނެވެ. މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ ރާއްޖޭގެ އަނިލް ނަސީރު އަދި ޝިއުނާޒް އަބްދުލް ވާހިދުގެ ޕެއާ އާއި އަފްގާނިސްތާނުގެ އިދްރީސް އަދި ޝިމާޝީ އެވެ. އެ މެޗު ރާއްޖެ ކާމިޔާބު ކުރީ 2-1 ސެޓުގެ ނަތީއަކުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ރާއްޖެއިން 15-21 ގެ ނަތީޖާއެއް ހޯދިއިރު، ކުޅުނު ދެ ވަނަ ސެޓު ގެންދިޔައީ އަފްގާނިސްތާނެވެ. އަދި މެޗުގެ ޓައި ބްރެކާ ރާއްޖެއިން ކާމިޔާބު ކުރީ 14-16 ގެ ނަތީޖާއަކުންނެވެ.
މިއަދު ކުޅުނު ދެވަނަ މެޗުގައި ރާއްޖޭގެ އިސްމާއީލް ސާޖިދު އަދި އަޝްފާގު އާދަމްގެ ޕެއާ ވާދަކުރީ އަފްގާނިސްތާނުގެ އޮމިޑް އަދި ރަމިންގެ ޕެއާއެވެ. އެ މެޗުވެސް ރާއްޖޭ ކާމިޔާބު ކުރީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ރާއްޖެ ކާމިޔާބު ކުރީ 16-21 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ދެވަނަ ސެޓު އަފްގާނިސްތާނުން 17-21 ގެ ނަތީޖާއަކުން ކާމިޔާބު ކުރިއިރު، މެޗުގެ ޓައިބްރޭކާ ރާއްޖެއިން ކާމިޔާބު ކުރީ 14-16 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ ކާމިޔާބީއާއެކު ރާއްޖެ ގްރޫޕް "ބީ"ގެ އެއްވަނަ ޓީމެއްގެ ގޮތުގައި މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައި ވާއިރު، އެ ގްރޫޕްގެ ދެ ވަނަ ޓީމެއްގެ ފޮތުގައި ސެމީން ޖާގަ ހޯދާފައި ވަނީ އަފްގާނިސްތާނެވެ. އަދި ކުޅުނު ފުރަތަމަ ދެ މެޗުން ވެސް ބަލިވެ، ގްރޫޕް 'ބީ'ގައި ހިމެނޭ ތިންވަނަ ޓީމް ބަންގްލަދޭޝް މިހާރު ވަނީ މުބާރާތުން ކަޓާފަ އެވެ.
މުބާޜާތުގެ ސެމީފައިނަލްގައި ރާއްޖެއާ ދެކޮޅަށް ވާދަކުރާ ޓީމެއް އިނގިގެން ދާނީ މިރޭ ކުޅޭ މުބާރާތުގެ ގްރޫޕް 'އޭ'ގައި އިންޑިއާ އާއި ނޭޕާލް ބައްދަލުކުރާ މެޗަށް ފަހު އެވެ. މުބާރާތުގައި ކުޅުނު ގްރޫޕް 'އެ'ގެ ފުރަތަމަ މެޗުގައި ރޭ އިންޑިއާ ވަނީ ޕާކިސްތާނާ ބައްދަލުކުރި ދެ މެޗުވެސް ކާމިޔާބު ކޮށްފައެވެ.
ފިރެހެން ޑިވިޝަންގައި ހަ ޓީމް ބައިވެރިވެގެން ކުރިއަށް ގެންދާ އޭވީސީ ސަބް ޒޯނަލް ބީޗް ވޮލީބޯލް މުބާރާތް ކުރިއަށް ގެންދަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިންނެވެ. އަދި އެ މުބާރާތުގައި ފިރެހެން ޑިވިޝަންގެ އިތުރުން އަންހެން ޑިވިޝަންވެސް ހިމެނޭއިރު، އެ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހާ ހަމައަށެވެ.