މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބދުލްޤައްޔޫމް ޢައްޔަންކުރެއްވި، މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ ޢަލީ ޖަލީލު ކޮމިޝަނާ އޮފް ޕޮލިސް ޙުސައިން ވަޙީދާ ބައްދަލުކުރައްވައިފި އެވެ.

ޝަހީދު ހުސައިން އާދަމް ބިލްޑިންގައި މިއަދު ކުރިއަށްދިޔަ އެ ބައްދަލުވުމުގައި، ފުލުހުންނާ ސިފައިންނާ ދެމެދު އޮތް ވަރުގަދަ އަދި ބަދަހި ގުޅުން އެގޮތުގައި ދެމެހެއްޓުމާ ބެހޭގޮތުންނާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމާ ގައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި މިހާރަށްވުރެ ބޮޑަށް ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

ޑިފެންސް މިނިސްޓަރުކަމާއި ޖަލީލު ހަވާލުވެވަޑައިގަތުމާ ގުޅިގެން ފުލުހުންނާ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންނާ ފުލުހުންގެ ޢާއިލާތަކުގެ ނަމުގައި ސިޕީ ވަނީ އޭނާއަށް މަރުހަބާ ދަންނަވާފަ ކުރައްވާފަ އެވެ.