21 Jan 2015, 18:51
ގައުމީ ޓީމުގެ ކުރީގެ ކޯޗު ބަލްގޭރިއާގެ ކޯޗު ޔޯރުދާން ސްޓޮއިކޯފް މަހިބަދޫ ސްޕޯޓްސް ކްލަބަށް ކޯޗުކަންކޮށްދިނުމަށް ގެންނާނެ ކަމަށް އެ ކްލަބުން ބުނެފިއެވެ.
ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމާއި ނިއު ރޭޑިއަންޓަށް ކުރިން ކޯޗު ކޮށްދީފައިވާ ސްޓޮއިކޯފް މަހިބަދޫ ޓީމުގެ ހެޑް ކޯޗަކަށް ގެންނަން ހަމަޖައްސާފައިވާއިރު މި އަންނަ މަހުގެ މެދުތެރޭގައި ޓީމުގެ ޕްރެކްޓިސްތައް ފަށާނެ ކަމަށް އެ ޓީމުން ބުންޏެވެ.
މަހިބަދޫ ޓީމުން ބުނީ އެ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ގިނަ ކަންތައްތަކެއް ކުރަން މިހާރުއްސުރެ ފަށާފައިވާ ކަމަށެވެ. ކޯޗު ގެނައުމަށްފަހު ޓީމު އިތުރަށް ވަރުގަދަ ކުރުމަށް ހަރަކާތްތަކެއް ބާއްވާނެ ކަމަށް ވެސް އެ ޓީމުން ބުންޏެވެ. މީގެ އިތުރުން ޓީމުގެ މެނޭޖުމެންޓު އިހަށްވުރެ ވަރުގަދަ ކުރާނެ ކަމަށް ވެސް އެ ޓީމުން ބުންޏެވެ.
މަހިބަދޫ އަށް ކޯޗު ކޮށްދިނުމަށް ސްޓޮއިކޯފް އަންނަ އިރު ވޭތުވެ ދިޔަ ހަތަރު އަހަރު އޭނާ ކޯޗު ކޮށްދެން ހުރީ އިތިއޯޕިއާގެ ގައުމީ ފުޓުބޯޅަ ޓީމަށެވެ.