21 Jan 2015, 16:54
ސަރުކާރުން ފަށާފައިވާ ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެއިން ދޫކުރަން ނިންމާފައިވާ ފްލެޓްތަކަށް މިހާތަނަށް 10،000 އަށް ވުރެއް ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު މިއަދު "ސަން" އަށް ވިދާޅުވީ، މި ހަފްތާގެ އާދިއްތަ ދުވަހާއި ހަމައަށް 10،000 އަށް ވުރެއް ގިނަ މީހުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ކެޓަގަރީ އެކަކަށް 5801 މީހުން ފޯމް ހުށަހަޅާފައިވާއިރު ކެޓަގަރީ ދޭކަށް 5997 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ފުރަތަމަ ކެޓަގަރީއަށް ދޭން ނިންމާފައިވަނީ 440 ފްލެޓެވެ. އަދި ކެޓަގަރީ ދޭކުންނާއި ތިނަކުން ދޫކުރަން ނިންމާފައިވަނީ 330 ފްލެޓެވެ.
ސަރުކާރުގެ ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވާ 1100 ފްލެޓްތަކުގެ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު މުއިއްޒު މީގެ ކުރިން ވިދާޅުވީ، ބައެއް ފްލެޓްތަކުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު، ބާކީ ފްލެޓްތަކުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
ހުޅުމާލޭގައި އަޅަން ހަމަޖެހިފައިވާ 1100 ފްލެޓްގެ ތެރެއިން 715 ފްލެޓް އެޅުމަށް ހަމަޖެހިފައިވަނީ ޗައިނާގެ އެގްޒިމް ބޭންކުން ދީފައިވާ ލުއި ލޯނުގެ ދަށުންނެވެ. އަދި ދެން އަޅަން ހަމަޖެހިފައިވާ 385 ފެލްޓް އެޅުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުން ދީފައިވާ ލުއި ލޯނެއްގެ ދަށުންނެވެ.
ފޯމް ހުށަހަޅަން ނަންބަރު ދޫކޮށްފައިވާ ފަރާތްތަކުގެ ފޯމްތައް ބަލައިގަނެ ނިމޭނީ އަންނަ މަހުގެ 24 ވަނަ ދުވަހު އެވެ.