21 Jan 2015, 16:40
ތެހެރާން (ޖަނަވަރީ 21): އިސްރާއީލަކީ މެދުއިރުމަތީގައިވާ ފަސާދައިގެ ޖަރާސީމެއް ކަމަށް އީރާނުން ސިފަކޮށްފި އެވެ.
އިސްރާއީލުން ސީރިޔާއަށް ދިން ޙަމަލާތަކެއްގައި އީރާނުގެ ޖެނެރަލަކާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ކޮމާންޑަރުންތަކެއް މަރުވުމާ ގުޅިގެން ދެއްވި ބަޔާނެއްގައި އީރާނުގެ އިންގިލާބީ ލަޝްކަރުތަކުގެ ކޮމާންޑަރު ޖެނެރަލް މުޙައްމަދު އަލީ ޖަޢްފަރީ ވިދާޅުވީ، އިސްރާއީލުގެ ނުރައްކާތެރިކަން އައިއެސްޖަމާއަތުގެ ނުރައްކާތެރިކަމަށްވުރެވެސް ބޮޑުކަމަށާއި އިސްރާއީލަކީ ނައްތާލަންޖެހިފައިވާ ޖަރާސީމެއްފަދަ ނުރައްކާތެރި ސަހްޔޫނީ ނިޒާމެއް ކަމުގައެވެ. ޖަޢްފަރީ އިއްޔެ ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ އެކަން ކުރުމަށް އިންގިލާބީ ލަޝްކަރުތަކުން ފަސްނުޖެހޭނެ ކަމުގައެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރުތަކުގެ ކޮމާންޑަރު އިސްރާއީލަށް މި އިންޒާރު ދެއްވާފައި މިވަނީ އިސްރާއީލުގެ މިޙަމަލާތަކަށް ބަދަލުހިފާނެ ކަމުގެ އިންޒާރު ހިޒްބުﷲ އިންވެސް ދީފައިވަނިކޮށެވެ. ސީރިޔާގެ ގޯލާންގެ ގުނައިތިރާ ސަރަހައްދުން ދަތުރުކޮށްފައިދިޔަ ހިޒްބުﷲގެ އަސްކަރީ ގާފިލާއަކަށް އިސްރާއީލުން މިދިޔަ ހޯމަދުވަހު ދިން ޙަމަލާތަކުގައި އެޖަމާއަތުގެ ތިން ކޮމާންޑަރުންނާއި އިތުރު ދެމީހަކު ވަނީ މަރުވެފައެވެ. މިދެމީހުންގެ ތެރެއިން އެކަކީ ހިޒްބުﷲއަށް އަސްކަރީ ލަފާއަރުވާ އީރާނުގެ އަސްކަރީ މުސްތަޝާރުންގެ ތެރޭގައި ހިމެނޭ އީރާނުގެ އިންގިލާބީ ލަޝްކަރުތަކުގެ ޖެނެރަލެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުން ހިޒްބުﷲއަށް ދިން ޙަމަލާތަކުގައި މަރުވި ހިޒްބުﷲގެ ފަސްމީހުންގެ ތެރޭގައި އެ ޖަމާއަތުގެ ކުރީގެ އިސްވެރިއެއް ކަމަށްވާ އިމާދު މުޣްނިޔާގެ ދަރިކަލުން ޖިހާދު މުޣްނިޔާވެސް ހިމެނެއެވެ. އިމާދު މުޣްނިޔާވަނީ މީގެ އަހަރުތަކެއްކުރިން އިސްރާއީލުން ސޫރިޔާގައި ގޮއްވާލި ކަމަށް ބެލެވޭ ބޮމެއްގެ ޙާދިސާގައި މަރުވެފައެވެ.
އިސްރާއީލާ ދެކޮޅަށް ބަދަލުހިފާނެ ކަމުގެ އިންޒާރު ހިޒްބުﷲއިން ދިނުމާއެކު އިސްރާއީލުންވަނީ މިސައިލް އައްޑަނައިގެ ނިޒާމު އެގައުމުގެ ބޮޑެތި ސިޓީތަކުގައި ރުކުރުވާލައި އިސްރާއީލުގެ ލަޝްކަރުތައް ތައްޔާރީ ހާލަތަކަށް ގެނަސްފައެވެ. (އަލްޖަޒީރާ)