މާފަންނުގައި ހުރި ފިހާރައެއްގެ ސޭޓަކަށް ރޭ ވަޅިން ބިރު ދައްކައި، އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ފައިސާތަކެއް ފޭރިގަނެގެން ބަޔަކު ފިލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ ފޭރިގެންފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ނޭނގޭ ކަމަށާއި ނަމަވެސް އެމީހުންނަށް މާގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަނެވިފައި ނުވާ ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އަދި ރޭ 10:00 ޖަހާއެހާކަންހާއިރު ހިނގި އެ ހާދިސާގައި ފިހާރައިގެ ސޭޓަށް މާ ބޮޑު އަނިޔާއެއް ވެފައިނުވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް ސޭޓަކަށް އެވަގުތު އިނީ ދިވެއްސެއް ކަމެއް ނުވަތަ ބޭރު މީހެއް ކަމެއް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅެއް ނުވެ އެވެ.

ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެމީހުން ދުވެ ފިލަން ދިޔަ ވަގުތު ރެކަކުން ޖެހި ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔަ ކަމަށާއި އެނޫން އިތުރު ގެއްލުމެއް ފިހާރަ އަށް ލިބުނު ކަން އެނގިފައި ނުވާ ކަމަށެވެ.
އެ މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އަދި އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައެއް ނުވެ އެވެ.