21 Jan 2015, 16:33
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރުކުރަން އުޅޭ ކަމަށް އެޕާޓީން ބުނެފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދު ހައްޔަރުކުރައްވަން ރައީސް ޔާމީންގެ ސަރުކާރުން އުޅުއްވާކަމުގެ އިންޒާރުތަކެއް ލިބެމުންދާ ކަމަށެވެ. އަދި އެފަދަ އިންޒާރުތަކެއް ލިބެމުން ގޮސްފައި މިވަނީ ސިޔާސީ އެކި ފަރާތްތަކަށް ރައީސް ޔާމީންގެ ސަރުކާރުން ބިރުދައްކައި އަދި ސަރުކާރުން ޤާނޫނު އަސާސީގެ ބާރު ކަނޑުވާލަމުން ގެންދާ ދަނޑިވަޅެއްގައިކަން އެޕާޓީން ފާހަގަކުރާ ކަމަށް އެމްޑީޕީ އިން ބުނެއެވެ.
މިކަމާ ގުޅޭގޮތުން ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުން އެމަނިކުފާނު ހައްޔަރުކުރައްވަން އުޅޭ ކަމުގެ އިންޒާރުތަކެއް ލިބެމުންދާ ކަމަށާއި އެހެންކަމުން އެމަނިކުފާނުގެ ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މާދަމާ މާލެ ވަޑައިގަންނަވާނެ ކަމަށެވެ.
އެމްޑީޕީން ބުނީ، ރައީސް ނަޝީދަކީ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު، އަދި ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް އެންމެ ބޮޑަށް ލިބިވަޑައިގެން ހުންނެވި ސިޔާސީ ލީޑަރު ކަމަށާއި އެމަނިކުފާނަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި ހަމައެއާއެކު ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ޤާނޫނު އަސާސީންނާއި އަދި ވަކި ޚާއްޞަ ޤާނޫނަކުން އެމަނިކުފާނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމުވެގެންވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން އެމަނިކުފާނަށް ބިރުދެއްކުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ސަރުކާރަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ މިއަދު "ސަން" އަށް ވިދާޅުވީ، ސިޔާސީ އެއްވެސް ބޭނުމަަކަށް މީހަކު ހައްޔަރެއް ނުކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ސިޔާސީ ބޭނުމަކަށް މީހަކު ހައްޔަރެއް ނުކުރާނަން. އަދި ޝަރުއީ ދާއިރާގެ އެއްވެސް ކަމަކަށް އަޅުގަނޑުމެން މި ސަރުކާރަކުން ނުބެހޭނެ،" މުއާޒު ވިދާޅުވި އެވެ.
މީގެކުރިން ރައީސް ނަޝީދު ޝަރީއަތަށް ފިއްލަވާފައި ވާތީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެމަނިކުފާނު ހައްޔަރުކޮށްފައި ވެއެވެ. އެހެންނަމަވެސް މިފަހަކަށް އައިސް އެފަދަ އަމުރެއް ކޯޓުން ނެރެފައިނުވާކަން ފާހަގަކޮށްލެވެ އެވެ.