21 Jan 2015, 16:21
މިއަހަރުގެ ނިޔަލަށް ދަށް ވެގެން ޑިޕްލޮމާ ފެންވަރަށް ތައުލީމް ހާސިލްނުކުރާ ޓީޗަރުން ވަޒީފާއިން ވަކި ކުރާއިރު، ޑިޕްލޮމާ ފެންވަރުނެތް 1200 އަށްވުރެ ގިނަ ޓީޗަރުން ހިދުމަތުގައި އެބަތިބި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު 'ސަން' އަށް މިއަދު ވިދާޅުވީ، ތައުލީމީ ދާއިރާގައި ހިދުމަތްކުރާ ޓީޗަރުންގެ ފެންވަރު ހިފެހެއްޓުމަށްޓަކައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި "ރާއްޖޭގެ މުދައްރިސުންގެ ފަންނީ އޮނިގަނޑެއް" އެކުލަވާލައި ސްކޫލްތަކަށް ފޮނުވާފައިވާނެ ކަމަށެވެ.
"އަޅުނގަޑުމެން ވާނީ ޓީޗަރުންގެ ފަންނީ އޮނިގަނޑެއް މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކުލަވާލައި ސްކޫލްތަކަށް ފޮނުވާފައި. އަދި އޭގައި ޓީޗަރެއްގައިގައި ހުންނަންޖެހޭ ގާބިލުކަމާއި ސިފަތަކާއި ޓީޗަރެއްގެ ގޮތުގައި ފަށައި ގަންނަ ދަރަޖައަކަށް ވާންޖެހޭނީ ޑިޕްލޮމާ ފެންވަރު ކަމަށް ބުނެފައިވާނެ،" ސްޓޭޓް މިނިސްޓަރު ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން ސެޓްފިކެޓް ފެންވަރުގެ ޓީޗަރުންނަށް ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލަމުންދާއިރު، އެ ފުރުސަތުތަކުގެ ދަށުން ޑިޕްލޮމާ ފެންވަރަށް ތައުލީމް ހާސިލް ނުކުރާ ޓީޗަރުން ވަޒީފާއިން ވަކިކުރެވޭނެ ކަމަށެވެ.
ސެޓްފިކެޓް ފެންވަރުގެ ޓީޗަރުންނަށް ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގައުމީ ޔުނިވާސިޓީއާއި މަންދު ކޮލެޖާ ގުޅިގެން ހާއްސަ ޕްރޮގްރާމްތަކެއް ފަށަން ނިންމާފަ އެވެ.
ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑުގެ ދަށުން ވެސް މުސާރައިގެ ކުރިއެރުމެއް ލިބިފައިވަނީ ޑިޕްލޮމާ ފެންވަރުން މަތީގެ ޓީޗަރުންނަށެވެ. އަދި މިއަހަރުގެ ނިޔަލަށް ޑިޕްލޮމާ ނުހަދައިފިނަމަ، ޓީޗަރުންގެ ފަންނީ އޮނިގަނޑުގެ ދަށުން 1236 ޓީޗަރެއް ވަޒީފާއިން ވަކިކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން، ހިދުމަތުގައި ތިބި ޓީޗަރުންގެ ތެރެއިން 2000 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނު ކޮށްދިނުމަށް ކޮލެޖުތަކާއި، ޔުނިވަސިޓީތަކަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.