ހުކުރު މިސްކިތުގައި ހުންނަ ތާރީޚީ މުންނާރު ބާވެ ކުލަވެއްޓިފައިވަނިކޮށް އެ މުންނާރުގައި ކުލަލައި، "ނަލަ" ކޮށް ނިންމާލައިފި އެވެ.

ހެރިޓޭޖް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަލީ ވަހީދު ވިދާޅުވީ، މުންރާނު ސާފުކޮށް ކުލަލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ. މިފަހަރު މުންނާރު ރީތި ކުރުމަށް އުވަލުމާއެކު އެހެން ފަހަރުތަކަށްވުރެ ސާފު ކުރުމަށް ބޮޑު މަސައްކަތްތަކެއް ކުރެވުނު ކަމަށް ވިދާޅުވި އެވެ.

"މިހާރު މުންނާރު މަސައްކަތް އެހެރީ ގާތްގަނޑަކަށް ނިމިފައި، މިހާރު ކުރެވެނީ ކުލަލީއިރު ކުލަ ނުޖެހޭ ތަންތަނުގައި ކުޑަކޮށް ޓަޗްކޮށްލުން ކަހަލަ ކުދިކުދި މަސައްކަތް،" އަލީ ވަހީދު ވިދާޅުވި އެވެ.


އަލީ ވިދާޅުވީ، މުންނާރުގެ ބޭރު ސާފުކޮށް ނިމިފައިވީނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ އިދާރާއަށް ތަކެތި ލިބޭ ވަރަކުން މުންނާރުގެ އެތެރެ މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ޓާގެޓަކީ އަހަރަކު އެއްފަހަރު މުންނާރު މަރާމާތު ކުރުން ކަމަށް ވިދާޅުވި އެވެ.

ހެރިޓޭޖް ޑިޕާޓްމަންޓުން ވަނީ ރީތިކުރަން އެހީތެރި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އެހީތެރިވި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ އާރްކޭއެލް އާއި ވިލެޖް ކޮންސްޓުރަކްޝަންއާއި އެސްޓީއޯއެވެ.

މިފަހަރު ފިޔަވައި އެންމެ ފަހުން މުންނާރު މަރާމާތުކޮށް ކުލަލާފައި ވަނީ 2013 އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެކަން އެފަހަރު ކުރީ އަމިއްލަ ބަޔަކާ ހަވާލުކޮށްގެނެވެ. އެފަހަރު މުންނާރުގައި ކުލަ ލީއިރު ވެސް މުންނާރު ހުރީ ވަރަށް ބޮޑަށް ކުލަވެއްޓި ކަޅުކުލަ ހިފާފައެވެ. މިފަހަރުވެސް މުންނާރު ސާފުކުރުމުގެ މަސައްކަތް ފެށީ ވަރަށް ބޮޑަށް ހަޑިވެ އެކަމަށް މީޑިއާގެ ބޮޑު ފާޑުކިޔުމެއް ރައްދުވުމުންނެވެ.