މާދަމާ ފަށާ ޕީޕަލްސް ކަޕްގެ ޓިކެޓުތައް މިއަދު ވިއްކަން ފަށާފައި ވާއިރު، މާލޭގައި އުޅޭ ގިނަ އަދަދެއްގެ ފުޓްބޯޅަ ސަޕޯޓަރުން ގަލޮޅު ދަނޑުގައި ޓިކެޓު ގަންނަން ކިއު ހަދައިފި އެވެ.

މިއަދު ގަލޮޅު ދަނޑު ކައިރީ ހަދާފައިވާ ކިއު މަޖީދީ މަގުގެ ގަލޮޅު ދަނޑު ބްލޮކް އެއްކޮޅުން އަނެއް ކޮޅަށް ވަނީ ދެމިގެން ގޮސްފައެވެ. އަދި މިއަދު ޓިކެޓް ގަންނަ ގިނަ ފަރާތްތަކަކުން ގިނަ އަދަދެއްގެ ޓިކެޓް އެއްފަހަރާ ގަންނަ ކަންވެސް ފާހަގަ ކުރެވެއެވެ.

ޕީޕަލްސް ކަޕްގެ ޓިކެޓުތައް އެފްއޭއެމުން ވިއްކަން ހަމަޖައްސާފައި ވަނީ ސިޑިބަރިން 10 ރުފިޔާއަށް، އަދި ގޮނޑި ބަރިން 25 ރުފިޔާ އަށެވެ. މުބާރާތް އިތުރަށް ފޯރި ގަދަ ކުރުމުގެ ގޮތުން، އެފްއޭއެމުން ވަނީ އެ މުބާރާތުގެ ޓިކެޓް ބައްލަވައިގަންނަ ކޮންމެ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައެޅިފައިވާ ލަކީ ޑްރޯއެއްގައި ބައިވެރި ވުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

މުބާރާތުގެ ޓިކެޓް ގަންނަން ގިނަ ފަރާތްތަކަކުން ގަލޮޅު ދަނޑަށް ގޮސްފައި ވާއިރު، އެފްއޭއެމުން އެ މުބާރާތް ބާއްވާކަން މިދިޔަ މަހު އިއުލާނު ކޮށްފައި ވަނީ އެ މުބާރާތަށް ރާއްޖޭގެ ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ލިބިގެން ދާނެ ކަމުގެ އުންމީދުގައެވެ.

ޕީޕަލްސް ކަޕް މާދަމާ ފަށަން ހަމަޖެހިފައި ވާއިރު، އެ މުބާރާތަށް ދިވެހި ސަޕޯޓަރުންގެ އެންމެ ބޮޑު ތަރުހީބެއް ލިބޭ އެއް ސަބަބަކީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުން އަންނަ މެލޭޝިއާގެ ކްލަބް ޕީޑީއާރްއެމް ވެސް އެ މުބާރާތުގައި ވާދަކުރާ ކަމެވެ.

މުބާރާތުގައި ޕީޑީއާރްއެމް ކުޅޭ ފުރަތަމަ މެޗުގައި، އެ ޓީމާ ދެކޮޅަށް މާދަމާ ރޭ ވާދަކުރަން ހަމަޖެހިފައި ވަނީ ރާއްޖޭގެ ޗެމްޕިއަން އަދި ދަގަނޑޭގެ ކުރީގެ ކްލަބް ނިއުރޭޑިއެންޓެވެ. އަދި މާދަމާ ހަވީރު ކުޅޭ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ މާޒިޔާ އާއި ސިންގަޕޯރ ލަޔަންސް އެވެ.