21 Jan 2015, 14:53
ނިއުރޭޑިއެންޓުން ވާދަކުރާ މުބާރާތެއްގެ ތަށި ނޫން އެހެން އެއްވެސް އެއްޗަކަށް ޓީމު އަމާޒެއް ނުކުރާނެ ކަމަށް އެ ޓީމުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވެއްޖެ އެވެ.
މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބަލަކް ވިދާޅުވީ، މާދަމާ ރޭ އަލީ އަޝަފާގް (ދަގަނޑޭ) ކުޅޭ ޕީޑީއާރްއެމް އާ ދެކޮޅަށް އެ ޓީމް ކުޅެން ހަމަޖެހިފައި ވާއިރު، ދަގަނޑޭއަށް އެ ޓީމުން ގަދަރު ކުރިއަސް އެ ޓީމް މުބާރާތް ކުޅޭނީ ތަށި ކާމިޔާބު ކުރަން ކަމަށެވެ.
ބަލަކްގެ އިތުރުން ނިއުގެ ކޯޗް މިކާ ލޮންސްޓްރޮމްވެސް ވަނީ އެ މުބާރާތް ކާމިޔާބު ކުރެވިދާނެ ކަމުގެ އުންމީދު ފާޅު ކޮށްފައެވެ. މިކާ ބުނީ މާދަމާ ރޭގެ މެޗު އަމިއްލަ ދަނޑުގައި ކުޅޭއިރު، ސަޕޯޓަރުންގެ އެހީއާއެކު މެޗު ނިއުއަށް ކާމިޔާބު ކުރެވިދާނެ ކަމަށާއި، ނަމަވެސް ޕީޑީއާރްއެމް އަކީ ސަމާލުކަން ދޭން ޖެހޭ ވަރުގެ ފެންވަރު ރަނގަޅު ޓީމެއް ކަމަށެވެ. އޭގެ އިތުރުން މާދަމާ ފަށާ ޕީޕަލްސް ކަޕަކީ ކުރިއަށް އޮތް އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ނިއުއަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށްވެސް މިކާ ވަނީ ބުނެފައެވެ.
ނިއުއިން މި އަހަރު ކަނޑައަޅާފައިވާ ޓާގެޓްތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ބަލަކް ވިދާޅުވީ މި އަހަރު އެ ޓީމްގެ އެންމެ ބޮޑު އެއް ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނަ އަޅައި ދިޔުން ކަމަށެވެ. އަދި ނިއުގައި މިހާރު އޮތް ސްކޮޑަކީ ވަރަށް ވަރުގަދަ ސްކޮޑެއް ކަމަށާއި، އޭއެފްސި ކަޕަށް ކަނޑައަޅާފައިވާ އެ ޓާގެޓް މިފަހަރު ނިއުއަށް ހާސިލް ކުރެވިދާނެ ކަމަށްވެސް ބަލަކް ވަނީ ވިދާޅުވެފައެވެ.
ބަލަކް އިތުރަށް ވިދާޅުވީ، މި އަހަރު ނިއުގެ އެންމެ ބޮޑު ޓާގެޓަކީ ރާއްޖޭގެ ފުޓްބޯޅައިގައި ނަމޫނާ ކަލްބަކަށް ނިއު ހެދުން ކަމަށެވެ.
ޕީޕަލްސް ކަޕްގެ ދެވަނަ މެޗުގައި މާދަމާ ރޭ ނިއު މެލޭޝިއާގެ ޕީޑިއާރްއެމްއާ ދެކޮޅަށް ނިކުންނަ އިރު، އެ ޓީމް މި އަހަރު ބޭނުންކުރާ ކިޓު ދައްކާލުމުގެ އިތުރުން، އިތުރު ހަރަކާތް ތަކަކާއި އެކު މިއަދު ހަވީރު ޓާފް ދަނޑުގައި އެ ކްލަބްގެ އޯޕަން ޑޭ އެއް ބާއްވަން ވަނީ ހަމަޖެހިފައެވެ.