ނިއުރޭޑިއެންޓުން ހިންގާ ގްރާސްރޫޓް ޕްރޮގްރާމްތަކަށް ހާއްސަ ފުޓްބޯޅަ އެކަޑަމީ އަންނަ މަހުން ފެށިގެން އިންޓަނޭޝަނަލް އެކަޑަމީއަކަށް ހަދައި، އެ އެކަޑީމީގެ ފީ 500 ރުފިޔާއިން، 250 ރުފިޔާއަށް ކުޑަކުރަން ނިންމާފައި ވާކަމަށް އެ ކްލަބުން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވީ، ނިއުއިން މި ޖެނުއަރީގައި ކްލަބްގެ އެކަޑަމީގެ ހަރަކާތްތައް އަލުން ފަށާފައި ވާއިރު އެކަޑެމީ ހިންގުމުގެ ހުރިހާ ކަމެއް އެ ޓީމްގެ ހެޑް ކޯޗް މިކާ ލޮންސްޓްރޮމް އާއި ހަވާލުކުރަން ނިންމާފައި ވާކަމަށެވެ. އަދި މިކާގެ އިތުރުން މުހައްމަދު ސޮބާހު އާއި ޔޫސުފް އަޒީމް (އޮއިއްޓޭ) އަދި މުހައްމަދު ފަރީދުވެސް އެކަޑަމީ ހިންގުމަށް ކޯޗް މިކާ އާއެކު މަސައްކަތް ކުރާނެ ކަމަށް ބަލަކް ވިދާޅުވި އެވެ.

ބަލަކް އިތުރަށް ވިދާޅުވީ، މިފަހަރު އެފްއޭއެމްގެ މަޝްވަރާގެ ދަށުން އެ ކްލަބްގެ އެކަޑަމީ ތިން އުމުރު ފުރާއަކަށް ބަހާލަން ނިންމާފައި ވާކަމަށެވެ. އޭގެ ތެރޭގައި ހަތް އަހަރުން ދަށާއި ނުވަ އަހަރުން ދަށުގެ އިތުރުން 11 އަހަރުން ދަށާއި 13 އަހަރުން ދަށް ހިމެނޭ ކަމަށް ބަލަކް ވިދާޅުވި އެވެ. އެ އުމުރުފުރާ ތަކުގެ އިތުރުން އެކަޑެމީގައި 16 އަހަރުން ދަށުގެ އުމުރުފުރާވެސް ހިމަނަން ނިންމާފައިވާ ކަމަށާއި، ނަމަވެސް އެ އުމުރުފުރާ ބޮޑަށް ހާއްސަ ކުރެވޭނީ އެކަޑަމީގެ ތެރެއިން ކުރިއަށްދާ ކުދިންނަށް ކަމަށް ބަލަކް ވިދާޅުވި އެވެ.

އެފްއޭއެމްގެ ވައިޑީޕީ ޕްރޮގްރާމްތައް ހިންގުމަށް މި އަހަރު ކްލަބްތަކާއި ހަވާލުކުރަން ނިންމާފައި ވާކަމަށް އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ހާމަކޮށްފައި ވަނީ މިދިޔަ މަހު އެވެ. ނަމަވެސް އެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނީ އެފްއޭއެމްގެ ސުޕަވިޝަންގެ ދަށުން ކަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

ބަލަކް ވިދާޅުވީ ނިއުގެ އެކަޑަމީން ޖާގަ ދޭން ނިންމާފައި ވަނީ ކޮންމެ އުމުރު ފުރާއަކުން 25 ކުދިންނަށެވެ. ނަމަވެސް އެފްއޭއެމުން ވައިޑީޕީ ޕްރޮގްރާމްގެ ދަށުން ކޮންމެ ކްލަބަކުންވެސް 30 ހާއި 35 ކާ ދެމެދުގެ އަދަދަކަށް ކުދިން ގެންގުޅެން ކަނޑައަޅާފައި ވުމުން، ބަލަކް ވިދާޅުވީ އުމުރުފުރާއަކަށް 25 ކުދިންގެ އިތުރުން އިތުރު ފަސް ކުދިންނަށް މިފަހަރު ޖާގަ ދޭން ނިންމާފައި ވާކަމަށެވެ.

ނިއުގެ އެކަޑަމީގެ އިތުރުން، އެ ކްލަބްގެ ސީނިއާ ޓީމްގެ ހުރިހާ ކަންކަމެއްވެސް ބެލުހެއްޓުމަށް މިކާއާ ހަވާލުކުރަން ނިންމާފައި ވާކަމަށްވެސް ބަލަކް ވަނީ ވިދާޅުވެފައެވެ.