21 Jan 2015, 14:41
ޖަލުތަކުގެ ޑައިރެކްޓަރު އޮފް ޕްރިޒަންއާއި، ޑެޕިއުޓީ ޕްރިޒަންގެ މަގާމަށް، މިއަދު ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.
ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ޑައިރެކްޓަރ އޮފް ޕްރިޒަން ގެ މަގާމަށާއި، ޖަލުތަކުގެ އިދާރީ ހިންގުމާއިބެހޭ ގަވާއިދުގެ ދަށުން ޑެޕިއުޓީ ޑައިރެކްޓަރ އޮފް ޕްރިޒަންސްގެ މަގާމަށް މިނިސްޓަރު ގެ ލަފާފުޅާއެކު، ކޮމިޝަނާ އޮފް ޕްރިޒަންސް މިއަދު ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.
އެގޮތުން މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ގެ މަގާމަށް އައްޔަން ކުރެއްވީ އިންސްޕެކްޓަރ އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން ޢަލީ އެވެ. އަދި މާލޭ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ގެ މަޤާމަށް އައްޔަން ކުރެއްވީ އިންސްޕެކްޓަރ އޮފް ޕްރިޒަންސް މުޙައްމަދު ޠަލާލް އެވެ. މީގެ އިތުރުން ހުޅުމާލެ ޑިޓެންޝަން ސެންޓަރ ގެ ޑައިރެކްޓަރ އޮފް ޕްރިޒަން ގެ މަޤާމަށް ޢައްޔަން ކުރެއްވީ އިންސްޕެކްޓަރ އޮފް ޕްރިޒަންސް މޫސާ އަންވަރު އެވެ. އަދި އައްސޭރި ޖަލުގެ ޑެޕިއުޓީ ޑައިރެކްޓަރ އޮފް ޕްރިޒަން ގެ މަޤާމަށް ހަމަޖައްސަވާފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕްރިޒަންސް މުހައްމަދު ހުސައިން އެވެ.
ޑައިރެކްޓަރ އޮފް ޕްރިޒަން ގެ މަސްޢޫލިއްޔަތު ތަކަކީ އެ ޑައިރެކްޓަރ އޮފް ޕްރިޒަންއެއްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކާގުޅޭ ކަންކަން ކޮމިޝަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ގޮތެއްގެމަތިން ހިންގައި ބެލެހެއްޓުމެވެ. އެގޮތުން ޖަލު ހިންގުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި، ޖަލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، ގައިދީންގެ ވެލްފެއަރގެ ކަންތައްތައް ބެލެހެއްޓުމުގެ އިތުރުން ޖަލުގެ ސަލާމަތާއި މަސްލަޙަތު ދެމެހެއްޓުމަކީ ޑައިރެކްޓަރ އޮފް ޕްރިޒަން ގެ މަސްޢޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.