މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ނަން ޖީއެމްއާރު އިންޓަނޭޝަނަލް އެއާޕޯޓްގެ ނަމަށް ނަން ބަދަލުކޮށް ޖީއެމްއާރުން އެއާޕޯޓް ހިންގަން ހަވާލުވިތާ ތިން މަސް ދުވަހުގެ ތެރޭގައި އިންޓަނޭޝަނަލް ފްލައިޓްތަކާއި ޑޮމެސްޓިކް ފްލައިޓްތަކަށް ޖެޓް ފިއުލް ވިއްކާ އަގު ތިން ވަނަ ފަހަރަށް ބޮޑުކޮށްފި އެވެ.

ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ޗީފް ކޮމާޝަލް އޮފިސާ ޕްރަސާދު ގޯބަލާން ސޮއިކުރައްވައި މި ދިޔަ މަހު 27ގައި ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ފެބްރުއަރީ މަހު ޖެޓް ފިއުލް ވިއްކާނީ، އިންޓަނޭޝަނަލް ފްލައިޓްތަކަށް، ލީޓަރެއް 0.96636 ސެންޓަށް ކަމަށެވެ. އަދި ޑޮމެސްޓިކް ފްލައިޓްތަކަށް ލީޓަރެއް 1.04599 ޑޮލަރަށް ކަމަށެވެ.

މިއީ މިދިޔަ މަހު ޖިއެމްއާރުން ޖެޓް ފިއުލް ލީޓަރެއް އިންޓަނޭޝަނަލް ފްލައިޓްތަކަށް ވިއްކި އަގަށްވުރެ، 0.08228 ސެންޓް ބޮޑު އަގެކެވެ. އަދި ޑޮމެސްޓިކް ފްލައިޓްތަކަށް ޖެޓް ފިއުލް ވިއްކި އަގަށްވުރެ 0.10428 ސެންޓް ބޮޑު އަދަދެކެވެ.
ޖެނުއަރީން ފެށިގެން މަތިންދާ ބޯޓަށް އަޅާ ތެޔޮ ޖީއެމްއާރުން ވިއްކަނީ، ކުރިއާ ހިލާފަށް ފިކްސްޑް ރޭޓެއްގަ އެވެ. އަދި އެ ސާކިއުލާގައިވާ ގޮތުން އިންޓަނޭޝަނަލް ފްލައިޓްތަކަށް ފިއުލް ވިއްކަނީ އެޑްވާންސަށް، ޑޮލަރުން ފައިސާ ދައްކާ ފަރާތްތަކަށެވެ.

ޖީއެމްއާރުން ބުނެފައިވާ ގޮތުގައި ތެޔޮ ގަތުމަށް ޑިމާންޑް ޑްރާފްޓާއި ޓީޓީ އިން ފައިސާ ދެއްކި ދާނެ އެވެ. ނަމަވެސް ޗެކުން ދައްކާ ޕޭމަންޓްތަކަށް ތެޔޮ ދޫކުރާނީ ޗެކު ރިއަލައިޒް ވުމަށް ފަހު އެވެ.

ޖެޓު ފިއުލް ވިއްކާ އަގަށް މި މަހުން ފެށިގެން ގެނައި ބަދަލާ އެކު ތިން މަސް ދުވަހުގެ ތެރޭގައި ޑޮމެސްޓިކް ފްލައިޓްތަކަށް ތެޔޮ ވިއްކާ އަގު ވެސް ވަނީ ގާތްގަނޑަކަށް ލިޓަރަކުން 18 ޕަސެންޓް ބޮޑުކޮށްފަ އެވެ.

ޖީއެމްއާރާ އެއާޕޯޓް ހިންގަން ހަވާލުވުމާ ހަމައަށް، ސެޕްޓެމްބަރު، އޮކްޓޫބަރު އަދި ނޮވެމްބަރު މަހު އިންޓަނޭޝަނަލް އޮޕަރޭޝަންތަކަށް ފިއުލް ވިއްކާފައި ވަނީ އެވްރެޖްކޮށް ލިޓަރެއް 0.7804 ޑޮލަރަށެވެ. އެޑްވާންސްކޮށް ފައިސާ ދައްކާ ފަރާތްތަކަށް ލީޓަރެއް 0.7432 ޑޮލަރަށެވެ. ޑޮމެސްޓިކް އޮޕަރޭޝަންތަކަށް، ޕަބްލިޝްޑް ރޭޓަކީ ލީޓަރެއް އެވްރެޖްކޮށް އެ ތިން މަހަށް 0.8309 ޑޮލަރަށެވެ.

ޖީއެމްއާރުން ފިއުލް ޗާޖުގެ އަގު މިދިޔަ މަހު ބޮޑު ކުރުމާ ގުޅިގެން އައިލެންޑް އޭވިއޭޝަނުން ވަނީ ފިއުލް ސާ ޗާޖުގެ ގޮތުގައި ޓިކެޓަކުން ނަގާ ވަރު 35 ރ. އަށް ބޮޑުކޮށްފަ އެވެ.
ތަކުރާރުކޮށް މަހުން މަހަށް ޖެޓް ފިއުލްގެ އަގު ބޮޑުކުރަން ޖެހެނީ ކީއްވެގެންތޯ ސާފުކުރުމަށް ޖީއެމްއާރުގެ ޕީއާރުފާމާ ގުޅުމުން ވަނީ ޖަވާބެއް އަދި ލިބޭގޮތް ނުވެފަ އެވެ.