07 Apr 2010, 15:09
19:00
އައްޑު އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މީހަކު، މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އައްޑު އަތޮޅުގައި ހާއްސަކޮށް ވެރިރަށް ހިތަދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުންދާކަމުގެ ތުހުމަތުގައި ސ. ފޭދޫ، މިއުޒީފެހި، އުމުރުން 22 އަހަރުގެ ޙުސައިން ޝާމިން ހައްޔަރުކޮށްފައި ވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ އަތޮޅު ގަމުގައި ހުންނަ ރެސްޓޯރެންޓެއްގެ ތެރެއިން މިއަދު މެންދުރު ކަމަށެވެ. އަދި އޭނާ ޗެކްކޮށް ބެލިބެލުމުން، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ބުލެޓް ސައިޒްގެ ފަސް ޕެކެޓް އޭނާ ލައިގެން ހުރި ޖީންސުގެ ޖީބު ތެރެއިން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ޙުސައިން ޝާމިނަކީ މަސްތުވާތަކެތީގެ ކުށުގެ ރިކޯޑް އޮތް މީހެއް ކަމަށާއި އޭނާ އަކީ އައްޑުއަތޮޅު ފޭދޫގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގުމުގައި މިވަގުތު އެންމެ އިސްކޮށް ހަރަކާތްތެރިވަމުންދާ އެކަކު ކަމަށެވެ.