އުރީދޫގެ މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (އެމްވީޕީއެން) ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މުއާސަލާތީ ކުންފުނި، އުރީދޫ އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއެކު މިއަދު ސޮއިކޮށްފި އެވެ.

ސޯލްޓު ކެފޭގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ވިކްރަމް ސިންހަ އެވެ. އެމްއާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ.

މިއެއްބަސްވުމުގެ ދަށުން އުރީދޫގެ މޯބައިލް ވާޗުއަލް ޕްރައިވެޓް ނެޓްވޯކް ޚިދުމަތް މެދުވެރިކޮށް އެކުންފުނީގެ މުވައްޒަފުންގެ މެދުގައި ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭނެ އެވެ.

ސޮއިކުރެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްއާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ނަޒީމް ވިދާޅުވީ، އުރީދޫ އެމްވީޕީއެންގެ ޚިދުމަތުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރަމުންދާ އެކުންފުނީގެ މުވައްޒަފުން މުއާމަލާތް ކުރުމަށް ބޮޑު ލުޔެއްލިބި ބޮޑު ހަރަދެއް ސަލާމަތް ކުރެވޭނެ ކަމަށެވެ.

"އަށް ސައިޓެއްގައި އަޅުގަނޑުމެންގެ މުވައްޒަފުން އެބައުޅޭ،..، މިހިދުމަތުގެ ސަބަބުން ވަރަށް ބޮޑުތަން ހަރަދު ކުޑަކުރެވިގެންދާނެ،" ނަޒީމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެހިދުމަތާއެކު އިތުރު ހިދުމަތްތަކެއް ބޭނުންކޮށްގެން އެކުންފުނީގެ މަސައްކަތްތައް "ލައިވް" ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ، އެމްވީޕީއެންގެ ހިދުމަތް ބޭނުންކޮށްގެން އެތައް ކުންފުއްޏެއްގެ މުވައްޒަފުންނެއް ހިލޭ އެސްއެމްއެސްއާއި ފޯނު ކޯލް ކުރުމުގެ ހިދުމަތް ބޭނުން ކުރަމުންދާއިރު އެއީ ގިނަ ބަޔެއްގެ އިތުބާރު ހޯދާފައިވާ ހިދުމަތެއް ކަމަށެވެ.

ގްރޫޕް ތެރޭގައި ހަތަރު އަދަދުގެ ކުރު އަދަދު ބޭނުންކޮށްގެން ހިލޭ ކޯލް އަދި އެސްއެމްއެސް ކުރެވޭ އުރީދޫގެ އެމްވީޕީއެން ޚިދުމަތަކީ މިހާރުވެސް ސަރުކާރުގެ އެކި މުއައްސަސާތަކުގައި ބޭނުންކުރަމުން އަންނަ ޚިދުމަތެކެވެ. އެގޮތުން ޕޮލިސް، އެމްއެންޑީއެފް، ޑީޕީއާރުއެސް، ޕީޖީ އޮފީހުގެ އިތުރުން ގިނަ ރިސޯޓުތަކެއްގައި ވެސް އެ ޚިދުމަތް ބޭނުންކުރެ އެވެ.