ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މިހާރު ފަށަފައިވާ އިރު އެ ސަރަހައްދުގައި ކުރިން ރިސޯޓެއްގޮތައް ބޭނުންކުރަމުން އައި ފަރުކޮޅު ފުށި ދެން ތަރައްގީ ކުރާނީ ހެރިޓޭޖް އޭރިއާއެއް ގޮތައްކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރާނެ ގޮތުގެ މާސްޓާ ޕްލޭން އެކުލަވާލައި އޭގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ވިދާޅުވީ ރައީސް ޔާމީން ނިންމަވާފައިވާ ފަދައިން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ ޒުވާނުންގެ ރަށެއް ކަމަށާއި އެ ސަރަހައްދުގައި ހިމެނޭ ފަރުކޮޅުފުށި ވެސް ތަރައްގީ ކުރާނެ ކަމަށެވެ.

އެގޮތުން އެ ރަށުގައި ރާއްޖޭގެ އާޓިސްޓުން އުފައްދާ އާޓް ކްރާފްޓްސް ކަންތައްތައް ތަރަށްގީކޮށް، އެރަށުގައި އެފަދަ ތަކެތި ހަދައިގެން ޓޫރިސްޓޫންނަށް އެއްޗެހި ވިއްކާ ސަރަހައްދެއްގޮތުގައި އެ ރަށް ހަމަޖެހޭނެ ކަމަށް ސުހައިލް ވިދާޅުވި އެވެ. އަދި ރަށަށް މާބޮޑު ބަދަލުތަކެއް ނުގެނެސް ބޭނުންކުރެވެން ހުރި އިމާރާތްތައް ވެސް ބޭނުންކުރާނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.

"މި ސަރަހައްދު [ފަރުކޮޅުފުށި] އަޅުގަނޑުމެން ޑިވެލޮޕް ކުރާނީ ހެރިޓޭޖް އޭރިއާއެއް ގޮތަށް. މިރަށަށް މާބޮޑު ބަދަލެއް ނުގެނެސް ބޭނުންކުރެވެން ހުރި އިމާރާތްތައް އަޅުގަނޑުމެން ބޭނުން ކުރާނަން. ބޭނުން ކުރެވެން ނެތް އިމާރާތްތައް ތަޅާލާފައި ކުރިން ހުރި ގޮތައް އިމާރާތްކޮށް ބޭނުންކުރަން ފަށާނަން،" ސުހައިލް ވިދާޅުވި އެވެ.

ޕްރޮޖެކްޓްގެ މައުލޫމާތު އިތުރަށް ދެއްވަމުން ޑެޕއުޓި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން ވިދާޅުވީ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ މެރީނާ އަކީ ސަފާރީ އުޅަނދުތަކާއި ކްރޫޒްލައިން ފަދަ އުޅަނދުތަކަށް ގާތްކުރެވޭ ބަނދަރެއް އޮންނާނެ ބޮޑު ސަރަހައްދެއް ކަމަށެވެ.

އޭގެ ސަބަބުން ކްރޫސް ތަކުގެ އަދަދު ވަރަށްބޮޑަށް އިތުރުވެ، ހުޅުމާލެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ފަތުރުވެރިކަން އިތުރަށް ތަރައްގީވެގެންދާނެ ކަމަށް ސައިމަން ވިދާޅުވި އެވެ.

އޭގެ އިތުރުން ވިޔަފާރު ކުރުމަށް ނުވަތަ ޝޮޕިން ކުރުމަށް ހާއްސަ ސަރަހައްދަކާއި، އައިޓީއަށް ހާއްސަ ސަރަހައްދަކާއި ލަގްޒަރީ ހޮޓާތައް ތަރައްގީވާނެ ކަމަށް ސައިމަން ވިދާޅުވި އެވެ. އޭގެ ސަބަބުން ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ލިބި އައިސީޓީގެ ދާއިރާއިން ޒުވާނުންނަށް ގިނަ ފުރުސަތުތައް ހޯދައިދެވޭނެ ކަމަށް ސައިމަން ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަޝްރޫއުގެ ދަށުން 240 ހެކްޓަރުގެ ބިން ތިން މަސް ދުވަހުގެ ތެރޭގައި ހިއްކުމަށް ފަހު އެއް އަހަރު ދުވަހުގެ ތެރޭގައި ތޮށިލާ ނިންމަން ޖެހޭނެ އެވެ.