މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުން ބަންދު އިބްރާހީމް ސަލީމް ވަކިކުރައްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ސަން އަށް ވިދާޅުވީ ބަންދު އިބްރާހިމް ސަލީމް އެމަގާމުން މިއަދު ވަކި ކުރައްވާފައިވާ ކަމަށެވެ. ސަބަބެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

"ސިޔާސީ މަގާމްތައް ރައީސް ޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާގޮތަށް މަގާމްތައް ބަދަލުކުރަމުން ދަނީ" މުއާޒު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެމްއޭސީއެލްގެ ވެސް އަދި ބަންދު ސަލީމްގެ ބަހެއް ވެސް ވަނީ ލިބޭގޮތްނުވެފަ އެވެ.

ބަންދު ސަލީމް އެމަގާމަށް އައްޔަން ކުރައްވާފައި ވަނީ 2013 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ. މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރަށް ބަންދު ސަލީމް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަމުގެ މަގާމުގަ އެވެ. ބަންދު ސަލީމް އަކީ އޭވިއޭޝަން ދާއިރާގައި ހިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ.

ބަންދު އިބްރާހީމް ސަލީމް މިއަދު މަގާމުން ވަކިކުރައްވާފައިވާ އިރު އޭނައާގެ މައްސަލައެއް ޕީޕީއެމާއި އެމްޑީއޭގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.