21 Jan 2015, 13:30
ރާއްޖޭގައި ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ރާއްޖޭގެ މަޝްހޫރު އަދީބު އަލްމަރުހޫމް ހުސައިން ސަލާހުއްދީން އުފަންވެ ވަޑައިގެންނެވި ދުވަސްކަމުގައިވާ އޭޕްރީލް މަހުގެ 14 ވަނަ ދުވަސް "ދިވެހި ބަސްދުވަސް" ކަމަށް ހަމަޖައްސާފައި ވާކަމަށެވެ. އަދި މިއަހަރުންފެށިގެން އޭޕްރީލް މަހު 14 ވަނަ ދުވަސް ދިވެހި ބަހުގެ ދުވަހުގޮތުގައި ފާހަގަކުރަމުން ދާނެ ކަމަށް ރައީސް އަބްދުﷲ ޔާމިން އާއި ހަވާލީ ދީ ރައީސް އޮފީހުން ބުނެޏެވެ.
ރާއްޖޭގައި މިހާރު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ މާދަރީބަހުގެ ދުވަހުގެ އިތުރުން ފާހަގަކުރުމަށް ހަމަޖެހިފައިވާ ދުވަހެއް ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. ހުސައިން ސަލާހުއްދީނު އުފަންވެވަޑައިގަތީ 1881 ވަނަ އަހަރުއެވެ. ހުސައިން ސަލާހުއްދީން ވަނީ ދިވެހިބަހުން ތަފާތު ގިނަ ވައްތަރުގެ ލިޔުންތަށް ލިޔުއްވާފަ އެވެ. އޭގެތެރޭގައި، މަޒުމޫނުތަކާއި، ޅެންތަކާއި، ވާހަކަތަށް ހިމެނެ އެވެ. އެމަނިކުފާނު އަވަހާރަވީ 1948 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.