ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔަމީން އަބްދުލްގައްޔޫމު ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މެންބަރުކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އައްޔަން ކުރައްވައިފި އެވެ.

އެލްޖީއޭގެ މެންބަރުކަން އުމަރަށް ދެއްވީ، އެ މަގާމުގައި މީގެ ކުރިން ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވަޒީރުކަމުގެ މަގާމުން ރައީސް ޔަމީން އިއްޔެ ވަކިކުރެއްވުމަށް ފަހު އެވެ.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގަނޫނުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމަށްޓަކައި ރައީސުމްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ވަޒީރަކު އެލްޖީއޭގެ ބޯޑުގައި އިންނަން ޖެހެ އެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުގެ ތެރެއިން އެލްޖީއޭގެ ބޯޑުގައި މިހާތަނަށް އިންނެވި ނާޒިމަކީ އެ އޮތޯރިޓީގެ ރައީސް އެވެ.