21 Jan 2015, 13:11
މާދަމާ ފަށާ ޕީޕަލްސް ކަޕްގައި ވާދަކުރާ ބިދޭސީ ދެ ޓީމުގެ ތެރެއިން ފުރަތަމަ ޓީމް، "ސިންގަޕޯ ލަޔަންސް 12" މިއަދު މާލެ އަތުވެއްޖެ އެވެ.
މިއަދު އެ ޓީމް މާލޭގެ އެއް ނަންބަރު ޖެޓީއަށް ލެފުމުން، އެ ޓީމަށް ވަނީ ބޮޑުބެރާއެކު އެފްއޭއެމްގެ އިސް އޮފިޝަލުން މަރުހަބާ ކިޔާފައެވެ. ސިންގަޕޯ ލަޔަންސްގެ ކުޅުންތެރިނާއި ބައެއް އޮފިޝަލުން މާލެ އައިސްފައި ވާއިރު، އެ ޓީމްގެ ކޯޗް މާލެ އަންނަން ހަމަޖެހިފައި ވަނީ މިރޭ ކަމަށް އެ ޓީމްގެ މެނޭޖަރު ވިސާކަން ސުބްރަމާނިއަން ބުންޏެވެ.
'ސަން' އަށް މައުލޫމާތު ދެމުން އެ ޓީމްގެ މެނޭޖަރު ވިދާޅުވީ މިއަދު އެ ޓީމްގެ ޓްރެއިނިންގް ސެޝަންއެއް ކުރިއަށް ގެންދާނެ ކަމަށާއި، ޕީޕަލްސް ކަޕްގައި އެ ޓީމްގެ ޓާގެޓަކީ ތަށި ސިންގަޕޫރަށް ގެންދިޔުން ކަމަށެވެ.
"މިއަދު ފަހަކުން ހަޔަކަށް އަޅުގަނޑުމެންގެ ޓްރެއިނިން ސެޝަންއެއް ކުރިއަށް ގެންދާނަން. އަދި މާދަމާ މެޗުގެ ކުރިން ރަނގަޅު ސެޝަން އެއް ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރަން. އަޅުގަނޑުމެން މި މުބާރާތުގައި ޓީމްތަކާ ވާދަވެރި ކުޅުމެއް ދެއްކޭތޯ ބަލާނަން. އަދި މި މުބާރާތުގެ ތަށި ސިންގަޕޫރަށް ގެންދިޔުން އެއީ އަޅުގަނޑުމެންގެ އުންމީދެއް،" ވިސާކަން ވިދާޅުވިއެވެ.
ވިސާކަން ވިދަޅުވީ ދެ ތިން އަނިޔާގެ މައްސަލަތަކެއް ޓީމްގައި އުޅޭ ކަމަށާއި، ޓީމްގެ ކޯޗު ޓީމާ ގުޅޭނީ މިރޭ ކަމަށެވެ.
"އަހަރުމެންގެ އެބައުޅޭ ދެ ތިން އަނިޔާތަކެއް. ނަމަވެސް އެއީ މާ ބޮޑު ކަމެއް ނޫން. މާދަމާގެ މެޗަށް އަޅުގަނޑުމެންގެ އެންމެ ވަރުގަދަ ސްކޮޑު ނެރެވޭނޭ ކަމަށް މި ބަލަނީ. ޓީމްގެ ކޯޗް ސިންގަޕޫރުގައި ހުރި ބައެއް ކޮމިޓމަންޓު ތަކުގެ ސަބަބުން އޭނާ އަދި ނާދެ. ނަމަވެސް އޭނާ މިރޭ މިކޮޅަށް އަންނާނެ،" ވިސާކަން ވިދާޅުވިއެވެ.
ރާއްޖެއާމެދު ދެކެނީ ކިހިންތޯ ސުވާލުކުރުމުން އޭނާ ބުނީ މިއީ ރާއްޖޭއަށް އޭނާ އައި ފުރަތަމަ ފަހަރު ކަމަށާއި، ރާއްޖެއަކީ ވަރަށް ހިތްގައިމު ގައުމެއް ކަމަށެވެ. އަދި ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގައި ކުޅުންތެރިން ވަރަށް ހިންހަމަ ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޕީޕަލްސް ކަޕްގައި ވާދަކުރާ ބިދޭސީ ދެ ޓީމްގެ ތެރެއިން ފުރަތަމަ މާލެ އައި ޓީމެއްގެ ގޮތުގައި ސިންގަޕޯ ލަޔަންސް ހިމެނިފައި ވާއިރު، އެ މުބާރާތުގައި އެ ޓީމް ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ވާދަކުރަން ހަމަޖެހިފައި ވަނީ މާޒިޔާއާ ދެކޮޅަށެވެ.
ޕީޕްލްސް ކަޕްގައި ވާދަކުރަށް ރާއްޖެ އައިސްފައިވާ ލަޔަންސްގެ ސްކޮޑުގައި 25 އަހަރުން ދަށުގެ 17 ކުޅުންތެރިން ހިމެނޭއިރު، އެ ސްކޮޑުގައި 25 އަހަރުން މަތީގެ ހިމެނެނީ އެންމެ ހަތަރު ކުޅުންތެރިންނެވެ. އުފެދުނުތާ ގާތްގަނޑަކަށް އެންމެ ފަސް އަހަރު ވެފައިވާ ލަޔަންސް އެ ޓީމް އުފެދުމާ ހަމައިން މިހާހިސާބަށް ހޭދަކޮށްފައި ވަނީ މެލޭޝިއާގެ އެންމެ މަތީ ފަންތީގެ ލީގު ކަމަށްވާ މެލޭޝިއަން ސުޕާ ލީގުގައެވެ.
އެ ޓީމްގެ ކާމިޔާބީތަކަށް ބަލާލާއިރު، ލަޔަންސް އަކީ އެ ޓީމް މެލޭޝިއަން ސުޕާ ލީގުގައި ކުޅުނު ފުރަތަމަ ސީޒަންގައިވެސް ލީގުގެ ރަނަރަޕްކަން ހޯދި ޓީމެކެވެ. އަދި އެ ލީގުގައި ލަޔަންސް ކުޅުނު ދެވަނަ ސީޒަންގައި، އެ މުބާރާތުގެ ޗެންޕިއަންކަން ހޯދާފައި ވަނީ އެ ޓީމެވެ. ނަމަވެސް މިދިޔަ އަހަރު އެ ޓީމް ލީގު ނިންމާލާފައި ވަނީ ތާވަލްގެ ހަވަނައިގައެވެ.