މި އަހަރާއި އަންނަ އަހަރު ދުނިޔޭގެ އިގްތިސާދު ކުރި ނާރާނެ ކަމަށާއި ކުރިން ހީކުރި ވަރަށް ވުރެ މި އަހަރު ދުނިޔޭގެ އިގްތިސާދު ބަނަވާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެފްއެމް) އިން ބުނެފި އެވެ.

އައިއެފްއެމްއާ ހަވާލާދީ ސީއެންއެން އިން އިއްޔެ ބުނީ މި އަހަރު ދުނިޔޭގެ އިގްތިސާދު ކުރިއަރާނީ 3.5 ޕަސެންޓްގައި ކަމަށާއި އަދި އަންނަ 2016 ވަނަ އަހަރު އިގްތިސާދު ކުރިއަރާނީ 3.7 ޕަސެންޓްގައި ކަމަށެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެސްޓިމޭޓް ކުރި ވަރަށް ވުރެ، ދެ އަަހަރު ވެސް 03 ޕަސެންޓް ދަށް އަދަދެކެވެ.

އައިއެމްއެފްގެ އަންދާޒާތަކުން ދައްކަނީ އެމެރިކާގެ އިގްތިސާދު އުންމީދީ ކަމަށެވެ. އަދި އެ ގައުމުގެ އިގްތިސާދު 3.6 ޕަސެންޓޭޖުގައި ކުރިއަރާނެ ކަމަށް އައިއެމްއެފުން ބުންޏެވެ. އަދި އެއީ އޮކްޓޫބަރު މަހުގެ އަންދާޒާ އަށް ވުރެ ބައި ޕަސެންޓޭޖު ޕޮއިންޓް އިތުރު އަދަދެކެވެ.

ދުނިޔޭގެ އިގްތިސާދީ ހީނަރުވުމުގެ ސަބަބުން އެތައް ޓްރިލިން ޑޮލަރެއް ދުނިޔޭގެ އިގްތިސާދީ ބާޒާރަށް ނެރެން ޖެހުނެވެ. އަދި އިގްތިސާދީ ދުވެލި ހުރި ވަރެއްގައި ހިފެހެއްޓުނެެވެ. އަދި ތެލުގެ އަގު ވެއްޓުމަކީ ވެސް އިގްތިސާދު ކުރިއަށް ނޭރުމުގެ ސަބަބެކެވެ.

ރަޝިޔާއަކީ އިގްތިސާދަށް އެންމެ ބޮޑު ލޮޅުން އަރާނެ ގައުމު ކަމަށް އައިއެމެއެފުން ބުންޏެވެ. ރަޝިޔާގެ އިގްތިސާދު މި އަހަރު ތިން ޕަސެންޓުން ކޮންޓެރެކްޓް ވާނެ ކަމަށާއި އަދި އަންނަ އަހަރު އެ އަށް ވުރެ އެއް ޕަސެންޓް ދަށްވާނެ ކަމަށެވެ.

ދެ ވަނަ އަށް ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު، ޗައިނާގެ އިގްތިސާދު ލަސް ދުވެއްޔެއްގައި މި އަހަރު 6.8 ޕަސެންޓްގައި ކުރިއަރާނެ ކަމަށާއި އަދި އަންނަ އަހަރު 6.3 ޕަސެންޓްގައި ކުރި އަރާނެ ކަމަށް ވެސް އައިއެމްއެފުން ބުންޏެވެ.