21 Jan 2015, 12:46
މާފަންނު ގެއަކަށް "ވައްކަން ކުރަން ވަން" މީހަކު ވައިގޮޅިއެއް ތެރޭގައި ތާށިވާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
އިއްޔެ ޔޫޓިއުބަށް އަޕްލޯޑުކޮށްފައިވާ ވީޑިއޯ އިން ފެންނަނީ "ވައްކަން ކުރަން" ވަދެ އުޅުނު ފިރިހެނަކު ވައިގޮޅިއެއްގެ ތެރޭގައި ތާށިވެގެން އުޅޭ މަންޒަރެވެ. އޭނާ ކައިރީ އެތަނަށް ވެއްޓުނީ ކިހިނެތްތޯ އެހުމުން ބުނީ ދަބަހެއް ނަގަން އުޅެނިކޮށް ވެއްޓުނީ ކަމަށެވެ. ނަމަވެސް ފަހުން އޭނަގެ ބޮލުގައި ލަޓިބުރިއަކުން މީހަކު ޖެހި ކަމަށް ވެސް ބުނެ އެވެ. އޭރު އޭނާގެ ބޮލުގައި ލޭ ހުރި މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ.
ވައިގޮޅީގެ ދަގަނޑު މަތީގައި އިން އެމީހާއާ ދިމާލަށް އެގެ އިން އައިޕެޑަކާއި 4،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ވެސް މީހަކު ބުނާ އަޑުއިވެ އެވެ.
ވައިގޮޅި ތެރޭ ތާށިވެފައި އިން މިހާ ގާތު އެތަނުން ފައިބަން ބުނުމުން އޭނަގެ ބޮލަށް އެނބުރުން އަރަނީ ކަމަށް ބުނެ ދަގަނޑުތައް މަތީ އޮށޯތުމަށް ފަހު، ވައިގޮޅިން ތިރިއަށް ފައިބަން މަސައްކަތް ކުރާ މަންޒަރު ވެސް ވީޑިއޯ އިން ފެނެ އެވެ. އަދި އެމީހާއަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންނެވެ.
ފުލުހުން ބުނީ އެފަދަ މައްސަލައެއް އިއްޔެ ބަޔަކު ހުށަހެޅި ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ފަހަކަށް އައިސް ގޭގެއަށް ވައްކަން ކުރަން ވަންނަ މީހުން ގޭގޭގެ ވައިގޮޅިތަކުގައި ތާށިވާ އިރު، ބައެއް މީހުން ވައިގޮޅިން ވެއްޓި ބޮޑެތި އަނިޔާތައް ވެސް ލިބިފައި އެބަހުއްޓެވެ. އަދި ބައެއް މީހުން މަރުވެފައި ވެސް އެބަހުއްޓެވެ.
https://www.youtube.com/watch?v=Y8rAnWCJpfg