08 Feb 2011, 13:59
ލ. ގަމު ތުނޑީ އަވަށު، އަލަށް މީހުން އާބާދުވާ ސަރަހައްދުގައި، މޫނު ނިވާކޮށްގެން ތިބި ހަތަރު މީހުންގެ ގުރޫޕަކުން ރޭ ޒުވާނަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ 10:00 ޖަހާކަން ހާއިރު ހިނގި އެ ހާދިސާގައި ޒަޚަމް ކޮށްލާފައި ވަނީ ޒުވާނާގެ ބުރަކަށީގެ އިތުރުން ކޮނޑުހުޅު ކަމަށެވެ.
ނަމަވެސް މާ ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށާއި އޭނާ އަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހަތަރު މީހުން ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ރޭ ޒުވާނަކަށް ހަމަލާ ދިނުމުގެ އިތުރުން އެހެން މާރާމާރީ އެއް ވެސް ރޭ ވަނީ ތުނޑީ އަވަށުގައި ހިނގާފައި ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އެގޮތުން މޫނު ނިވާކޮށްގެން ތިބި ބަޔަކު ގޮސް މަގުމަތީގެ ދެ ސަރަހައްދެއްގައި ތިބި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވާ ކަމަށެވެ. އަދި ދެ ވަނަ މާރާމާރީ ހިނގާފައި ވަނީ ފުރަތަމަ މާރާމާރީ އާ ގުޅިގެން ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ދެވަނަ މާރާމާރީގައި ވެސް އެކެއްގެ ބުރަކައްޓަށް އަދި އަނެއް މީހާގެ އަތަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީފަ އެވެ.
ނަމަވެސް އެ މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.