މިދިޔަ އަހަރުގެ އޮކްޓޯބަރާއި ނޮވެމްބަރު މަހު ބޭއްވި ކެމްބްރިޖް އޯލެވެލް އިމްތިހާނުގެ ނަތީޖާތައް ދޫކުރަން ފަށައިފި އެވެ.

ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)ގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ޝަކީބް މިއަދު ސަން އަށް ވިދާޅުވީ، އޯލެވެލް އިމްތިހާނުގެ ނަތީޖާ ކެމްބްރިޖް ޔުނިވަސިޓީން މިއަދު ރާއްޖޭ ގަޑިން ހެނދުނު 11:00 އިން ފެށިގެން ދޫކުރަން ފަށާފައިވާ ކަމަށެވެ.

ޝަކީބް ވިދާޅުވީ، ކެމްބްރިޖް އޯލެވެލް އިމްތިހާންގެ ނަތީޖާތައް ކެބްރިޖުގެ ރަސްމީ ވެބްސައިޓުން ސްކޫލްތަކަށް ފެންނާނެ ކަމަށެވެ. އަދި ދިވެއްސާއި އިސްލާމް މާއްދާގެ ނަތީޖާތައް ސްކޫލްތަކަށް މެއިލް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދިޔަ އަހަރުގެ އިމްތިހާންގައި ރާއްޖޭގެ 174 ރަށަކުން 7202 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އެއީ ސްކޫލްތަކުން ބައިވެރިވި 5643 ދަރިވަރުންނާއި އަމިއްލަ ގޮތުން ބައިވެރިވި 1559 ކެންޑިޑޭޓުންނެވެ.

މިއީ ފާއިތުވި ދެ އަހަރާއި އަޅާ ބަލާ އިރު ދަށް އަދަދެކެވެ. އެގޮތުން 2012 ވަނަ އަހަރު 8461 ކުދިން އޯލެވެލް އިމްތިހާންގައި ބައިވެރިވެފައިވާ އިރު 2013 ވަނަ އަހަރު އޯލެވެލް އިމްތިހާންގައި ބައިވެރިވި ކުދިންގެ އަދަދަކީ 8255 ކުދިންނެވެ.

ދެހާސްތޭރަ ވަނަ އަހަރު އޯލެވެލް އިމްތިހާނުން ފަސް މާއްދާ އިން ފާސްވި ދަރިވަރުންގެ ނިސްބަތަކީ 43 ޕަސެންޓެވެ. އަދި އެ އަހަރުގެ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ގަދަ ދިހައެއްގައި 478 ދަރިވަރަކު ވަނީ ހިމެނިފަ އެވެ.