21 Jan 2015, 11:58
މަސްތުވާތަކެތީގެ ތަފާތު ހަތަރު މައްސަލައެއްގައި ފަސް މީހަކު އައްޑޫ ސިޓީގެ ހިތަދޫން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 21 އަހަރުގެ މީހަކާއި އުމުރުން 28 އަހަރުގެ މީހަކާއި އުމުރުން 31 އަހަރުގެ ދެ މީހެއްގެ އިތުރުން އުމުރުން 43 އަހަރުގެ މީހެއް ކަމަށެވެ.
އެ މީހުންގެ ތެރެއިން 43 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ހިތަދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައޫލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހޯމަ ދުވަހުގެ ހެނދުނު 9:10 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ ދެމީހުން އެވަގުތު ތިބި ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އަދި ބުނީ ހައްޔަރު ކުރި މީހުންގެ ތެރެއިން 21 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ވިޔާފަރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހިތަދޫ އަތިރިމަތިންނެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އުމުރުން 31 އަހަރުގެ ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގެ މެންދުރު 2:30 ހާއިރު މަގުމަތިން ހުއްޓުވައި ބަލައިފާސްކުރި އިރު އޭނާ ލައިގެން ހުރި ޖިންސްގެ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓް ފެނުމާއި ގުޅިގެންނެނެވެ. އަދި ދެވަނަ މީހާ ހައްޔަރުކޮށްފައި ވަނީ އެ ދުވަހުގެ ވަގުތެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅަކާ އެކު އެވެ.