21 Jan 2015, 11:48
ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ލިބެންޖެހޭ ހުއްދަ ލިބުމުން އއ. އުކުޅަހުގެ ފެންޕްލާންޓް އޮޕަރޭޓްކޮށް ފެނުގެ ހިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯ އިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އުކުޅަހުގައި ފެނުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އެރަށުގެ ހުރިހާ ގެއަކަށް ފެން ހޮޅި އަޅައި ހުރިހާ ތައްޔާރީއެއް ވުމަށްފަހު ފެން ފޯރުކޮށް ދިނުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކުރިތާ ތިންމަސް ވެފައިވާ ކަމަށާއި އެހެންނަމަވެސް އަދިވެސް ފެން ފޯރުކޮށްދޭން ނުފަށާ ކަމަށް އުކުޅަހު ކައުންސިލުން ބުނެފައި ވަނީ ހަގީގަތް އޮޅޭފަދަ ގޮތަކަށް ކަމަށެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނިން ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެމުންގެންދާ އުކުޅަހަށް ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ބޭރުގެ އެހީއާއެކު ސަރުކާރުން ގާއިމް ކޮށްފައިވާ އުކުޅަހުގެ ފެނުގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު ސްޓެލްކޯއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި އެކުންފުނިން އުކުޅަހު ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށްފަހު އާންމު ފެނުގެ ހިދުމަތް ދިނުމުގެ ލައިސަންސް "އޮޕަރޭޓިން ލައިސަންސް" ހޯދުމަށް ކަމާބެހޭ މުއައްސަސާއަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
އުކުޅަހު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ފިރާގު މީގެކުރިން 'ސަން' އަށް ވިދާޅުވީ، އުކުޅަހުގައި ފެނުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން، ރަށުގެ ހުރިހާގެއަކަށް ފެން ހޮޅި އަޅައި ހުރިހާ ތައްޔާރީއެއްވުމަށް ފަހު، ފެންފޯރުކޮށް ދިނުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކުރިތާ ތިން މަސްވެފައިވާކަމަށާއި، އެހެންނަމަވެސް އަދިވެސް ފެން ފޯރުކޮށްދޭން ނުފަށާކަމަށެވެ.