އައްޑޫ ސިޓީގައި އިމާރާތްކުރާ ވަގުފް އިމާރާތުގެ އަމަލީ މަސައްކަތް އަންނަ މަހު ފެށިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ އެމަނިފާނު ކުރައްވާފައިވާ ޓުވީޓެއްގައެވެ. އެމަނިކުފާނު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވަނީ މާލޭގައި އިމާރާތް ކުރަމުން އަންނަ ވަގުފް އިމާރާތުގެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

"ސަން" އާ ވާހަކަފުޅުދައްކަަވަމުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޑރ. އައިޝަތު މުނީޒާ މިއަދު ވިދާޅުވީ، އައްޑޫ ސިޓީގައި އިމާރާތްކުރާ ވަގުފް އިމާރަތް އަޅާނީ އަތޮޅުތަކުގައި އިމާރާތް ކުރާ ވަގުފް އިމާރާތްތަކުގެ ދަށުން ކަމަށެވެ.

މުނީޒާ ވިދާޅުވީ، އަތޮޅުތަކުގައި އިސްލާމީ ވަގުފު ގާއިމް ކުރަން މިނިސްޓްރީން ގަސްދުކޮށްފައި ވަނީ "ދާރުލް އީމާން މޮޑެލް" ގެ ތަންތަން އަތޮޅުތަކުގައި ގާއިމް ކޮށްގެން ކަމަށެވެ. އެއީ ފައިސާ ލިބޭނެ ފަދަ އިމާރާތެއް ގާއިމްކޮށް، އެތަނުން ލިބޭ ފައިސާ އިސްލާމީ ކަންކަމަށް ހަރަދުކުރުމަށް ކަމަށް މުނީޒާ ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ވަނީ އިސްލާމިކް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ކައުންސިލްތަކުން ވަގުފުގެ ގޮތުގައި ބިމެއް ރަޖިސްޓްރީ ކުރުމަށް ފަހު ޕްލޭނެއް ހުށަހަޅަންޖެހެއެވެ. އަދި އެ ޕްލޭން ހުށަހެޅުމުން އެއީ ފީސިބްލް ޕްލޭނަކަށް ވާނަމަ، މިނިސްޓްރީން ހަރަދުކޮށްދޭނެ ކަމަށް އެ މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.

ވަގުފް އިމާރާތް އެޅުމަށް ޝައުގުވެރިވި ފަރާތްތަކުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު ކައުންސިލް ހިމެނެ އެވެ.