ޕީޕަލްސް ކަޕަކީ ކުޅުންތެރީން ޓެސްޓު ކޮށްލަން ލިބިގެން ދާނެ ރަނގަޅު ފުރުސަތަކަށް ވެގެން ދާނެ ކަމަށް ސިންގަޕޯރ ލަޔަންސްގެ ކޯޗު ފާންދީ އަހުމަދު ބުނެފި އެވެ.

އެ މުބާރާތުގައި ވާދަކުރުމަށް މިހާރު ރާއްޖެ އައިސްފައިވާ ސިންގަޕޯރ ލަޔަންސްގެ ކޯޗު އެ މޭރުމުން ވާހަކަ ދައްކާފައި ވަނީ އެ މުބާރާތަށް ރާއްޖެ އައުމުގެ ކުރިން ސިންގަޕޫރުގެ މީޑިއާއާ ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ އެ މުބާރާތުގައި ކުޅޭ ތިން ޓީމާ ދެކޮޅަށް ވާދަކުރުމަކީ ޓީމް ޓެސްޓުކޮށް،ލަން ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށާއި، ޕީޕިލްސް ކަޕަކީ އެ ޓީމަށް ލިބިގެންދާ ރަނގަޅު ތަޖުރިބާއަކަށް ވެގެން ދާނެ ކަމަށެވެ.

"މި މުބާރާތަކީ މި ޓީމަށް ލިބިގެންދާ ވަރަށް ރަނގަޅު ތަޖުރިބާއަކަށް ވެގެން ދާނެ. ޓީމް އޮތީ މިހާރު ޕްރީ ސީޒަން ތައްޔާރީތައް ނިމި، މި މުބާރާތައް ތައްޔާރު ވެފައި. ކުޅުންތެރިންގެ މެދުގައި އަންޑަސްޓޭޑިން އިތުރުވެ، ޓީމްގެ ކުޅުން ރަނގަޅު ވެގެން ދާކަން ފާހަގަ ކުރެވޭ. މި މުބާރާތަކީ ޓީމް ޓެސްޓު ކޮށްލަން ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް،" އޭނާ ބުންޏެވެ.

ޕީޕަލްސް ކަޕަށް މިހާރު އެ ޓީމް ރާއްޖެ އައިސްފައި ވާއިރު، މުބާރާތުގައި އެ ޓީމް ކުޅޭ އެންމެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ރާއްޖޭގެ ދެވަނަ ކްލަބް ކަމަށްވާ މާޒިޔާ ސްޕޯޓްސް ކްލަބާއެވެ.

މާދަމާ ފަށާ ޕީޕަލްސް ކަޕްގައި ވާދަ ކުރާ ދެވަނަ ޓީމް ޕީޑީއާރްއެމް މާލެ އަންނަން ހަމަޖެހިފައި ވަނީ މިރޭ އެވެ. އެ ޓީމާއެކު ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް މާލެ އަންނަ އިރު، އޭނާ ވަނީ އެއް އަހަރަށް ފަހު ރާއްޖޭގެ މުބާރާތެއްގައި ކުޅެލަން ލިބުނު ފުރުސަތާ މެދު އުފާ ފާޅު ކޮށްފައެވެ.

ޕީޑީއާރްއެމް އެންމެ ފުރަތަމަ މުބާރާތުގައި ވާދަކުރާނީ މުބާރާތުގެ ދެވަނަ މެޗުގައި މާދަމާ ރޭ ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

އެފްއޭއެމުން މިހާރު ވަނީ މިއަދު މެންދުރު 14:00 ގައި ގަލޮޅު ދަނޑުން އެ މުބާރާތުގެ ޓިކެޓުތައް ވިއްކަން ފަށާނެކަން ހާމަކޮށްފައެވެ.