21 Jan 2015, 11:17
ހުޅުމާލޭގައި ފާރެއް ރާނަން އުޅުނު ބަޔަކު ފާރެއްގެ ދަށުގެ ބޮޑެތި ޒަހަމްތަކެއް ލިބިއްޖެ އެވެ.
މަންޒަރުދުށް ފަރާތަކުން މިއަދު 'ސަން'އަށް ބުނިގޮތުގައި މިއަދު 10:30 ކަންހާއިރު ހުޅުމާލޭ ބޮޑުމަގުގައި އަލަށް އިމާރާތްކުރާ ގެއެއްގެ ފާރެއް ރާނަން މަސައްކަތް ކުރި ބިދޭސީންތަކެއް ރާނަމުންދިޔަ ފާރުވެއްޓި، ފާރުގެ ދަށުވެ އެމީހުންނަށް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
"ފުލުހުން ވަނީ އެސަރަހައްދަށް އައިސް އެމީހުން އެމްބިއުލާންސަށް ލައިގެން ގެންގޮސްފައި. ފެންނަ ފެނުމަށް އެމީހުނަށް ވަނީ ޒަހަމްތަކެއް ލިބިފައި." މަންޒަރު ދުށް ފަރާތުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިއަދު 10:35 ކަންހާއިރު ފާރެއްގެ ދަށުވެ މީހަކަށް ގެއްލުންވިކަމަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ތަފްސީލެއް ނުދެއްވައެވެ.
އެ ހާދިސާގައި އަނިޔާވި ދެ މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދެމުންދާއިރު އެ ހޮސްޕިޓަލްގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވިގޮތުގައި ފަރުވާދިނުމަށް ގެނައި ދެ ބިދޭސީންގެ ހާލު، ފުރާނައަށް ގެއްލުންވާވަރަށް ގޯހެއް ނޫނެވެ. ނަމަވެސް އެ ހާދިސާގައި އެއިން އެކެއްގެ ފައިގައި "ރެނދެއް" ލާފައިވާތީ އޭނާ މާލޭ ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.