21 Jan 2015, 11:07
ރާއްޖެއާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ރާއްޖޭގައި ހިންގާ ހަރަކާތްތަކުގެ ތެެރެއިން ބާއްވަން ނިންމި އިންޑިއާ-މޯލްޑިވްސް ފިލްމް ފެސްޓިވަލް ފަށައިފި އެވެ.
އޮލިމްޕަހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ފިލްމް ފެސްޓިވަލް އިފްތިތާހްކޮށްދެއްވީ، ސަރުކާރުގެ ޔޫތް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ރާޖީވް ޝަހާރޭ އެވެ.

މާލޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުންގެ މުދައްރިސުންނާއި ދަރިވަރުންގެ ފަރާތުން ސަގާފީ ހުށަހެޅުންތަކެއް ފެނިގެންދިޔަ އެ ހަފްލާގައި މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (ފޭމް) ގެ ހަރަކާތްތަކަށް އެހީތެރިވުމަށް މިދިޔަ އަހަރުން ފަށައިގެން އިންޑިއަން ހައި ކޮމިޝަނުންދޭ 1000 ޑޮލަރު (15420 ރުފިޔާ) ވެސް ވަނީ އެ އެސޯސިއޭޝަނާ ހަވާލުކޮށްފަ އެވެ.
އާއްމުކޮށް ހުޅުވާލައިގެން އޮލިމްޕަހުގައި ބާއްވާ އެ ފިލްމް ފެސްޓިވަލުގައި ދައްކަން ހަމަޖެހިފައިވަނީ އިންޑިއާގެ (ބޮލީވުޑްގެ) ތިން ފިލްމަކާއި ދިވެހި ދެ ފިލްމެވެ. އެގޮތުން ފެސްޓިވަލް ފެށުމުގެ ގޮތުން ރޭ އަޅުވާފައިވަނީ އިންޑިއާގެ މަޝްހޫރު ފިލްމް، "ތްރީ އީޑިއަޓްސް" އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ފެސްޓިވަލުގައި ބޮލީވުޑްގެ ފިލްމްތަކުގެ ގޮތުގައި ދެން އަޅުވާނީ ޝާހްރުކް ހާން އާއި ކާޖަލް ފެނިގެންދާ "ދިލްވާލޭ ދުލްހަނިޔާ ލޭ ޖަައިގޭ" އާއި އަމީތާބް ބައްޗަންގެ ސުޕަރހިޓް ފިލްމް، "ޝޯލޭ" އެވެ.

ދިވެހި ފިލްމްތަކުގެ ތެރޭގައި ދައްކާނީ މިދިޔަ އަހަރު މޯލްޑިވްސް ފިލްމް އެސޯސިއޭޝަނުން ބޭއްވި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ފިލްމަކަށް ހޮވުނު އަދި ސާކް ފިލްމު ފެސްޓިވަލުގައި ބްރޯންޒް އެވޯޑެއް ލިބުނު މަޝްހޫރު ނެށުންތެރިޔާ ރަވީ ފާރޫގްގެ "އިނގިލި" އާއި ޑާކް ރެއިން އެންޓަޓެއިންމަންޓްގެ ފިލްމު "ހުޅުދާން" އެވެ.
އިންޑިއާ ހައި ކޮމިޝަނުން ބުނީ، ރާއްޖެއާއި އިންޑިއާގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް އަންނަ ހޮނިހިރު ދުވަހުގެ ރޭ "ޓިކެޓް ޓް ބޮލީވުޑް"ގެ ނަމުގައި މިއުޒިކާއި ނެށުމުގެ ފެސްޓިވަލެއް ވެސް އޮންނާނެ ކަމަށެވެ. ޓިކެޓް ވިއްކައިގެން ބާއްވާ އެ ފެސްޓިވަލް އޮންނާނީ އަލިމަސް ކާނިވަލުގައެވެ.