21 Jan 2015, 11:02
"ހޮޅުފަހި އިނާމް 2014" ގެ ނަމުގައި ނ. ހޮޅުދޫ އަށް ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް ޚާއްސަ އިނާމެއް ދިނުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.
'ސަން' އާ ވާހަކަފުޅުދައްކަވަމުން ހޮޅުދޫ ކައުންސިލްގެ ރައީސް މާއިޒު މުހައްމަދު މިއަދު ވިދާޅުވީ ހޮޅުދޫ އަށް ރީތި ނަން ހޯދައިދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އަދި އިނާމު ދިނުމުގައި ދެ ގިންތި އަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް މާއިޒު ވިދާޅުވި އެވެ.
"މިހާރު ދެގިންތިއަކީ ރަށުގެ ރައްޔިތުންނަށް ގިނަ ހިދުމަތްތަތެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމާއި އަދި ރަށަށް ރީތި ނަން ހޯދައިދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުން،" މާއިޒު ވިދާޅުވި އެވެ.
މާއިޒު ވިދާޅުވީ މި އިނާމަކީ މުޅިން އަލަށް ކައުންސިލުން ދިނުމަށް ނިންމާފައިވާ އެވޯޑެއް ކަމަށެވެ. އަދި މި އެވޯޑަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ހޮޅުދުއަށް ލިބޭ ރީތިނަމާއި އެންމެ ބޮޑަށް ގުޅިފައިވާ ބަޔަކީ ހޮޅުދޫގެ ރައްޔިތުން ކަމަށް ވެސް މާއިޒު ވިދާޅުވި އެވެ.
ހޮޅުދޫ ކައުންސިލުން ދިނުމަށް ހަމަޖެހިފައިވާ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 19 އިން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފާ އެވެ. މިއިނާމަށް އެދި ނަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ފުރިހަމަ ކުރައްވަންޖެހޭ ފޯމު ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން މެންދުރުފަހުގެ 15:00 އަށް ހޮޅުދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އެ ކައުންސިލުން މައުލޫމާތުދެ އެވެ.