އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕްގައި އިއްޔެ ކުޅުނު މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް ކާމިޔާބުކޮށް، އިރާގާއި ޖަޕާން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރިއިރު، ކުޅުނު ހުރިހާ މެޗަކުން ބަލިވެ ފަލަސްތީނު މުބާރާތާ އަލްވަދާއު ކިޔައިފި އެވެ.

އިއްޔެ ކުޅުނު މެޗުތަކުގެ ނަތީޖާއާއެކު ޖަޕާން، ކުއާޓާއަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް، ނުވަ ޕޮއިންޓާއެކު ގްރޫޕް 'ޑީ' ތާވަލްގެ އެއްވަނަ މަގާމް ހޯދައިގެންނެވެ. އަދި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބު ކުރި އިރާގު ކުއާޓާއަށް ދަތުރުކުރީ ހަ ޕޮއިންޓާއެކު ތާވަލްގެ ދެވަނަ ހޯދައިގެންނެވެ.

ކުޅުނު މެޗުތަކުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް، އުރުދުންވެސް މުބާރާތުގައި ތިން ޕޮއިންޓް ހޯދާފައި ވާއިރު، ފަލަސްތީނަށް މުބާރާތުން ވަކިވާން ޖެހުނީ ގްރޫޕް ސްޓޭޖުގައި އެ ޓީމް ކުޅުނު ހުރިހާ މެޗަކުންވެސް ބަލިވެގެންނެވެ.

އެ މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އުރުދުން އާއި ޖަޕާނެވެ. އެ މެޗު ޖަޕާން ކާމިޔާބު ކުރީ 2-0 ގެނަތީޖާއަކުންނެވެ. މެޗުގައި ޖަޕާންގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، އެ ޓީމަށް ލީޑު ހޯދަދިނީ މެޗުގެ 24 ވަނަ މިނެޓުގައި އެ ޓީމްގެ ކެއިސުކޭ ހޮންޑާ އެވެ.

މެޗުގައި ފެނިގެން ދިޔަ ދެވަނަ ލަނޑު ޖަޕާނަށް ކާމިޔާބު ކުރެވުނީ މެޗުގެ ފަހު ވަގުތުކޮޅު އެވެ. ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށް، ޖަޕާނުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގައި އެ ޓީމަށް ލިޑު ފުޅާ ކޮށްދިނީ ޝިންޖީ ކަގަވާ އެވެ.

އިއްޔެ ކުޅުނު ގްރޫޕް 'ޑީ'ގެ ފަހު މެޗުގައި، އިރާގު ފަލަސްތީނުގެ މައްޗަށް ކުރި ހޯދީވެސް ހަމަ 2-0ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ފަލަސްތީނުގެ ގޯލްކީޕަރު ތައުފީގް އަލީގެ ފަރާތުން ވަނީ ރީތި ސޭވްތަކެއް ފެނިގެން ގޮސްފައެވެ. އެ ހާފްވެސް އިރާގުން ޑޮމިނޭޓް ކުރި ނަމަވެސް އެ ހާފްގައި އިރާގަށް ވަނީ ލަނޑެއް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

މެޗުގައި އިރާގުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ދެވަނަ ހާފް ފެށިތާ ތިންވަނަ މިނެޓުގައި އެ ޓީމްގެ ފޯވާޑް ޔޫނުސް މަހަމޫދު އެވެ. ލިބުނު ލީޑާއެކު މެޗުގެ ބޮޑުބައި ކޮންޓްރޯލް ކުރަމުން ދިޔަ އިރާގަށް އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބު ކުރެވުނީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. އެ ލަނޑު ކާމިޔާބު ކުރީ އިރާގުގެ ފޯވާޑް އަހުމަދު ޔާސީން އެވެ.

އެ މެޗާއެކު މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗެއް މިހާރު ނިމިފައި ވާއިރު، މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް ފަށަން ހަމަޖެހިފައި ވަނީ މާދަމާ އެވެ. މާދަމާ ކުޅޭ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ދެކުނު ކޮރެއާ އާއި އުޒްބަކިސްތާނު ބައްދަލުކުރަން ހަމަޖެހިފައި ވާއިރު، ދެވަނަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ޗައިނާ އާއި އޮސްޓްރޭލިއާ އެވެ.