ތެހެރާން : ކުރިޔަށްއޮތް ހައެއްކަ އަހަރުތެރޭގައި އިންސާނަކު ފަޒާއަށް ފޮނުވަން މަސައްކަތްކުރަމުން ގެންދާކަން އީރާނުން ހާމަކޮށްފި އެވެ. އީރާނުގެ ފަޒާއާބެހޭ ދާއިރާއާ ޙަވަލާދީ އެޤައުމުގެ ފާރިސް ނޫސްއެޖެންސީ ހަބަރުދޭގޮތުގައި އީރާނުން ގެންދަނީ އިންސާނުންގޮވައިގެން ފަޒާއަށް ދާނެ ޖައްވީ އުޅަނދެއް ބިނާކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އީރާނުން ކުރިން ބުނެފައިވާގޮތުން އެޤައުމުން ފަޒާއަށް އިންސާނަކު ފޮނުވުމަށް ރާވާފައިވަނީ 2017 ވަނަ އަހަރުގަ އެވެ.

އީރާނުން އިއްޔެ ފާހަގަކޮށްފައިވަނީ ގައުމީ ޓެކްނޮލޮޖީގެ ދުވަހުގެ ގޮތުގަ އެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން ތެހެރާންގައި ބޭއްވި މައުރަޒެއްގައި ރައީސް އަޙްމަދީ ނެޖާދްވަނީ އެގައުމުން އަލަށް އުފެއްދި ހަތަރު ސެޓަލައިޓެއް ދައްކާލައްވާފަ އެވެ. މިހަތަރު ސެޓަލައިޓްގެ ތެރޭން ދެސެޓަލައިޓް އަންނަ މާޗްމަހު ޖައްވަށް ފޮނުވާލެވޭނެ ކަމަށާ މިތަކެތި ޖައްވުގެ އޯބިޓްތަކަށް ފޮނުވާލުމަށް ބޭނުންކުރާނެ ފަޒާގެ ރޮކެޓެއްވެސް ރައީސް ނެޖާދް ދައްކާލެއްވި އެވެ. މިހަތަރު ސެޓަލައިޓްގެ ތެރޭގައި ހިމެނެނީ މޫސުމާބެހޭ ސެޓަލައިޓަކާއި މުވާސަލާތާބެހޭ ސެޓަލައިޓަކާއި ޖައްވީ ދިރާސާތަކާބެހޭ ސެޓަލައިޓަކާއި ބްރޯޑްކާސްޓިންއާއި ޓެލެކާސްޓާބެހޭ ސެޓަލައިޓެކެވެ. އީރާނުން މިހާތަނަށްވަނީ ދެ ސެޓަލައިޓެއް ކާމިޔާބުކަމާއެކު ޖައްވަށް ފޮނުވާލާފަ އެވެ.

އީރާނަކީ ފަޒާގެ ސައެންސްގައި އެންމެ ބޮޑަށް ކުރިއަރާފައިވާ އިސްލާމީ ގައުމެވެ. އިސްލާމީ ގައުމުތަކުގެ ތެރޭން ޖައްވަށް ސެޓަލައިޓެއް ފޮނުވާލުމުގައި ކާމިޔާބު ހޯދާފައިވާ ހަމައެކަނި ގައުމަކީވެސް އީރާނެވެ.