21 Jan 2015, 10:43
ގްރޫޕް ހަދައިގެން ގައުމީ ދާރުލްއާސާރުން ވައްކަން ކުރި މީހަކު ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު، ނަޒުމް އާދަމްގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ އިތުރު މީހަކާ އެކު 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 އެހައިކަންހާއިރު ދާރުލްއާސާރުން ވައްކަންކޮށްފައި ވާތީ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ އެތަނުގައި ހުރި ދެ ރިހި ފައްޓަރުބަޔާއި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފެއްގެ 720 ޖީބީގެ ހާޑް ޑިސްކަކާއި 360 ޖީބީގެ ހާޑު ޑިސްކަކާއި އަށް ޖީބީގެ އައިޕޮޑަކާއި ސޮނީ ބްރޭންޑުގެ ޕީއެސްއައިޕީ އަކާއި ވަޅިއަކާއި މުށި ތައްޓަކާއި ބުކްމާކަކާއި ވަކިލާރި ދަޅަކާއި 1600 ރުފިޔާ އެނާ ވަގަށް ނަގާފައިވާކަން ހެކީންގެ ހެކިބަހާއި ގުޅިފައިވާ ގަރީނާތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
މިއީ ނަޒުމުގެ މައްޗަށް ވައްކަމުގެ ކުށެއް ސާބިތުވި ފުރަތަމަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.